Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ޗުއްޓީ އަށް ނުގޮސް ފަނޑިޔާރުގެ ސާފުކުރަން ތައްޔާރު: ޔައުގޫބު

ދާންދޫ ދާއިރާއިގެ މެމްބަރު ޔައުގޫބު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ އަށް ވެސް ނުގޮސް ފަނޑިޔާރު ސާފުކުރަން ތައްޔާރަށް ހުންނެވި ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ޔައުގޫބު ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭގޮތުން ރައްޔިތުން ތައްޔާރުކުރި ރިޕޯޓުން ފަނޑިޔާރުގެ ސާފުކުރަންޖެހޭ ވަރަށް ރަނގަޅަށް ހާމަވާ ކަމަށާއި އެހެންކަމުން ދެން އިތުރު ރިޕޯޓުތަކާއި ތަހުގީގުތައް ކުރިއަށްގެންދަން ނުޖެހޭ ކަމަށެވެ.

އަދި ރައްޔިތުން މިފަހަރު މަޖިލީހަށް މެމްބަރުން ހޮވީ ފަނޑިޔާރުގެ ސާފުކުރުމަށް ކަމަށާއި ނަމަވެސް ތިން މަސްފަހުން އަނެއްކާވެސް ފަނޑިޔާރުންނާ ގުޅޭގޮތުން ރިޕޯޓެއް ހަދަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށްވެސް ޔައުގޫބު ވިދާޅުވިއެވެ. އޭގެ ބަދަލުގައި މިހާރު ކުރަންޖެހޭ ކަމަކީ ފަނޑިޔާރުން ވަކިކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން މިހާރު ކުރާ ޝަކުވާ އަކީ ފަނޑިޔާރުން މި ހިނދުން މި ހިނދަށް ވަކިކޮށް، އެތަން އިސްލާހު ކުރުން. އަޅުގަނޑު ހިތަށް އަރާ ތިން މަހުގެ މުސާރަ ނަގައިގެން ގެޔަށްދާއިރު، ދިވެހި ރައްޔިތުން އަދިވެސް އެތިބީ މަގުމަތީގައި. ރައްޔިތުން ހަވާލުކުރި މަސައްކަތް ނުނިންމާ މިދަނީ. މި މަސައްކަތަކީ ތިން މަސް ކީއްކުރަން، އެންމެ ދުވަހަކުން ވެސް ނިންމާލެވޭނެ މަސައްކަތެއް" އޭނާ ވިދާޅުވިއެވެ.

ފަނޑިޔާރުގެ އިސްލާހު ކުރުމަށް ގެންގުޅޭ ޕްލޭން ސާފުނުވާ ކަމަށާއި ފަނޑިޔާރުގެ އިސްލާހުނުކޮށް މިފަދަ ރިޕޯޓުތަކަށް ބަހުސްކޮށްލުމުގައި ވަގުތު ދުއްވާލުމަކީ ދިވެހި ރައްޔިތުންނަށް ވެވޭ ހިޔާނާތެއް ކަމަށްވެސް ޔައުގޫބު ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް އަދަބުވެރި ކަމާއެކު އެދެން ޗުއްޓީއަށް ދާން މިހުރިހާ ކަމެއް ނިންމާފައި. މިއީ އެންމެ ދުވަހަކުން ވެސް ކުރެވިދާނެ ކަމެއް. ވަގުތު ބޭނުންވާނަމަ މިކަން ނިންމާފައި ނޫނީ ޗުއްޓީ އަށް ނުދާން. އަޅުގަނޑު މިހުރީ ތައްޔާރަށް އެކަން ކުރަން" ޔައުގޫބު ވިދާޅުވިއެވެ.

މީގެއިތުރުން ޔައުގޫބު ވަނީ ވަގުތު ބޭކާރުނުކޮށް ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވަކި ކުރުމަށްވެސް ގޮވާލާފައެވެ.