Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ސުޕްރީމް ކޯޓަށް ހަތަރު ފަނޑިޔާރަކު ކުރިމަތިލައްވައިފި

ސުޕްރީމް ކޯޓް - ފޮޓޯ: ރާއްޖެއެމްވީ (މުހައްމަދު ޝަރުހާން)

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލައްވައިފިއެވެ.

އެ ހަތަރު ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ދެ ޖާގަ އިތުރުކޮށްފައިވާތީއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ހައިކޯޓުގެ ފަނޑިޔާރުންނަކީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

މި ބޭފުޅުންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ދެ ބޭފުޅެއްގެ ނަންފުޅު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުއްވާފައެވެ. ރައީސް ފޮނުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ނަންފުޅެވެ.

ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ކުރުމަށް ކޮމިޝަނުގެ ހުރިހާ މެމްބަރުން ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލުމަށް ނިންމާފައެވެ. އަދި އަމާޒަކީ މާދަމާގެ ނިޔަލަށް އެ މަސައްކަތް ނިންމައި ރައީސް އަށް ނަންފުޅުތަކެއް ފޮނުއްވުން ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.