Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ބަނގުރާ ކައްކަން ތިބި ބަޔަކު ހައްޔަރުކޮށްފި

ޅ.ހިންނަވަރުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ތައްޔާރުކުރުމުގެ މަސައްކަތުގައި ތިބި ބަޔަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ކުށުގެ ވެށިން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ދެ ފިރިހެނުންނާއި 27 އަހަރުގެ ދެ ފިރިހެނުންނާއި 32 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ ހިންނަވަރު ގެއެއްގައި ބަނގުރާ ކައްކާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ފަޅު ގެއެއްގެ ތެރެއިން ކަމަށެވެ. އެގޮތުން އެގެ ބަލައިފާސްކުރިއިރު، އެގޭ ބަދިގޭގައި ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައިވަނިކޮށް ފެނިފައިވާ ކަމަށާއި އަދި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ތައްޔާރުކޮށްފައިވާ ދެ ލީޓަރުގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މިމައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.