Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

ސަޕްލިމެންޓަރީ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ނާޝިޒް

ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: މަޖިލިސް

ސަޕްލިމެންޓަރީ ބަޖެޓް ދިރާސާ ކުރުމަށް އެކުލަވާލި ކޮމިޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް ހަމަޖައްސައިފިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓްގެ މަސައްކަތް ކުރުމަށް އެކުލަވާލި ކޮމިޓީގެ މުގައްރިރަކަށް ނާޝިޒު ހަމަޖެއްސެވިއިރު އެ ކޮމިޓީގެ ނައިބް މުގައްރިރަކަށް ކަޑައަޅާފައިވަނީ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަފޫރު މޫސާއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓް ދިރާސާ ކުރުމަށް އެކުލަވާލި ކޮމިިޓީން މިއަދުގެ ހަތަރު ދަމު އެއްކޮށް ބަޖެޓާ ގުޅޭ މަސައްކަތް ކުރުމަށްފަހު މާދަމާގެ ޖަލްސާއަށް ހުށަހަޅައި އެރެއާ ހަމައަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ މިއަދާއި މާދަމާ މި މަސައްކަތްކޮށް، މާދަމާ ރޭ އަޅުގަނޑުމެންނަށް މީގައި ގޮތެއް ނިންމޭ ގޮތް ވުން" ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅިއިރު ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.