Last Updated: April 24, 22:15
Wednesday, April 24, 2024
ޚަބަރު

މައުމޫން، ރައީސް ސޯލިހާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވަނީ - ފޮޓޯ: މައުމޫންގެ ޓްވިޓާ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމަށްފަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ސިޔާސީ ޕާޓީ ކަމަށްވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ފުރިހަމަ ތާއީދު ސަރުކާރަށް އޮންނާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހަށް އެރުވި ކަމަށެވެ.

މީގެއިތުރުން ގައުމީ މުހިއްމު މައްސަލަތަކާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ގިނަ ދުވަސްތަކަކަށްފަހު ރައީސް މައުމޫން، ރައީސް ސޯލިހާއި ބައްދަލުކުރައްވާފައިމިވަނީ އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ ގުޅޭ ބަހުސް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން ކަމަށްވާ ޑރ.އަޒްމިރަލްޑާ ޒާހިރު އަދި އަލްއުސްތާޛާ. އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާއި މެދު ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގެންފައިވާއިރު ރާއްޖޭގެ ގިނަ އަދަދެއްގެ އިލްމުވެރިން ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހަރާމް ކަމެއް ކަމަށާއި، އެ ނިންމުން ބަދަލު ކުރަން ރައީސް އަށް އިލްތިމާސްކޮށްފައެވެ.

އަންހެން ފަނޑިޔާރުން ރާއްޖޭގެ ކޯޓުތަކުގައި ފަނޑިޔާރުކަން ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ދެއްވީ ރައީސް މައުމޫންގެ ވެރިކަމުގައި ކަމަށްވާއިރު އެމަނިކުފާނު ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ކަމަށް ކުރީގެ އަދި މިހާރުގެ ގިނަ އިލްމުވެރިން ބުނެފައިވާ ކަމަށް ވިދާޅުވެފައެވެ.