Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ބޮޑު އަގުގައި ޓެކްސީކޮށްގެން ތިން ފަހަރު ޖޫރިމަނާކޮށްފިނަމަ ހުއްދަ ބާތިލު!

ބޮޑު އަގުގައި ޓެކްސީކޮށްގެން އެއް އަހަރު ދުވަހުގެތެރޭ ތިންފަހަރަށްވުރެ އިތުރަށް އެ ކުށް ތަކުރާރުކޮށްފިނަމަ ޓެކްސީ ހިދުމަތް ދިނުމުގެ ލައިސެންސް ބާތިލުކުރާނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ އޮތޯރިޓީން ހަމަޖައްސާފައިވާ އަގަށްވުރެ ބޮޑު އަގު ޓެކްސީ ދުއްވާ ފަރާތްތަކުން ނަގަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި އެ ފަރާތްތަށް "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 48 ވަނަ މާއްދާގެ (ކ) ގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

"އަދި 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ތިންފަހަރަށްވުރެ އިތުރަށް މިފަދަ ކުށެއް ތަކުރާރުކޮށްފިނަމަ މި މާއްދާގެ ދަށުން އެ ފަރާތެއްގެ ޓެކްސީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ބާޠިލްކުރެވޭނެކަން އާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ" އެ އޮތޯރިޓީން ބުންޏެވެ.

އަލަށް އެކުލަވާލި އަގުތަކަށް ބަލާއިރު މާލެއާއި ހުޅުލެ އާއި ހުޅުލެއާއި ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކަށް ނެގުމަށް ކަނޑައަޅާފައިވަނީ 60 ރުފިޔާއެވެ. އަދި މާލެއާއި ހުޅުމާލެއާއި، އަދި ހުޅުމާލެއާއި މާލެއާ ދެމެދު ކުރާ ދަތުރުތަކަށް ނެގުމަށް ކަނޑައަޅާފައިވަނީ 75 ރުފިޔާއެވެ.

މާލެ އާއި ހުޅުމާލޭގެ އެތެރޭގައިކުރާ ދަތުރުތަކަށް ނެގޭނީ 25 ރުފިޔާއެވެ. މި އަގުތައް ކަނޑައަޅާފައިވަނީ ޓެކްސީގެ ޑިކީއަށް އަރުވާ ދާގީނާގެ އަގުވެސް ހިމެނޭ ގޮތަށެވެ. އެހެންކަމުން ޑިކީއަށް ދާގީނާ އެރުވިޔަސް މި އަގުތަކަށްވުރެ އިތުރަށް އަގު ނެގުމަކީ މަނާކަމެކެވެ.