Last Updated: April 19, 22:14
Friday, April 19, 2024
ޚަބަރު

ސަޕްލިމެންޓްރީ ބަޖެޓް: ކަރަންޓުގެ އަގުހެޔޮ ކުރަން 24 މިލިއަން ރުފިޔާ!

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ސަޕްލިމެންޓްރީ ބަޖެޓުގައި ކަރަންޓުގެ އަގުހެޔޮ ކުރުމަށް ފައިސާ ހިމަނައިފިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓަށް ބަލާއިރު، ކަރަންޓްގެ އަގު ހެޔޮކުރުމަށް ވަނީ 24.4 މިލިއަން ރުފިޔާ ހިމަނާފައެވެ. އަދި އެތެރޭގެ ވައިގެ ދަތުރުގެ އަގުހެޔޮ ކުރުމަށް އައިލެންޑް އޭވިއޭޝަނަށް 35.0 މިލިއަން ރުފިޔާ ދިނުމަށް ވެސް ވަނީ ހިމަނާފައެވެ.

މީގެއިތުރުން ސިއްހީ ނިޒާމު ހަރުދާނަ ކުރުމަށް ހެލްތު މިނިސްޓްރީގެ ބަޖެޓަށް 309,674,646 ރުފިޔާ އިތުރު ކުރުމަށްވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު އިންސައްތައެއް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށެވެ. އެގޮތުން އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް 402،548،101 ރުފިޔާ ހަރަދު ކުރަން ހިމަނާފައެވެ.

މި ބަޖެޓުގައި ކުއްލިއަކަށް ކުރަން ޖެހިދާނެ ހަރަދަކަށް ކަނޑައަޅާފައިވާ ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި 225 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ސަޕްލިމެންޓަރީ ބަޖެޓާއެކު މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު މިހާރުވަނީ 32 ބިލިއަން ރުފިޔާއަށް އަރާފައެވެ.