Last Updated: April 19, 17:23
Friday, April 19, 2024
ޚަބަރު

އަންހެން ފަނޑިޔާރުން އައްޔަން ކުރުމުގެ ބަހުސަށް އަދާލަތުގެ ބަހުގެ ހަމަލާއެއް!

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ

ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާއި ގުޅޭ ގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން މި މައްސަލާގައި ބަހުސް ކުރާ ފަރާތްތަކަށް "ނުސީދާކޮށް ބަހުގެ ހަމަލާއެއް" ދީފިއެވެ.

އަދާލަތު ޕާޓީން ވަނީ އިލްމުވެރިންގެ މަޖިލީހުގައި އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވި އަދި ބައެއް ޖަމާއަތްތަކާއި އިލްމުވެރިންނާއި ފަތުވާ މަޖިލިސްތަކުގެ ރައުޔު ހިމަނައިގެން ނޫސް ބަޔާނެއް ނެރެފައެވެ. އެ ނޫސް ބަޔާނުގައި އަދާލަތު ޕާޓީއަކުން އެ މައްސަލާގައި އެއްވެސް ގޮތެއް ނިންމާފައެއް ނުވެއެވެ. އަދާލަތުން ބުނީ ޝަރުއީ މައްސަލައިގެ ކަންކަން އޮޅޭގޮތަށް ވާހަކަ ދައްކައި ހަބަރު ފެތުރުމުން އެންމެން އަފްރާދުންނާއި ވަކިން ހާއްސަކޮށް މީސްތަކުން އެބޭފުޅުންގެ ބަސްތަކަށް އިހްތިރާމްކުރާ ބޭފުޅުން ދުރުހެލިވާންޖެހޭ ކަމަށެވެ.

އަދާލަތުން މިފަދައިން ބުނެފައި ވަނީ ސީދާ ކޮން ބޭފުޅަކާއި ދިމާލަށް ކަމެއް ނޭނގުނު ނަމަވެސް މި މައްސަލާގައި އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ގިނަ އިލްމުވެރިން ސުޕްރީމް ކޯޓަށް އަންހެނަކު އައްޔަން ކުރުމަށް ސީދާ ދެކޮޅެވެ. ނަމަވެސް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް މި މައްސާގައި ސަރުކާރުގެ ނިންމުމަށް ތާއީދު ކުރައްވާ މޭރުމަކުން އަންނަނީ ވާހަކަފުޅު ދައްކަވަމުންނެވެ. އަދި އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު އިޔާޒު ވަނީ އިތުރަށް ގޯސް ނުހައްދަވާ ތައުބާވުމަށް ރައީސް މައުމޫނަށް ގޮވާލައްވާފައެވެ.

އަދާލަތުގެ ބަޔާނުގައި އުއްމަތުގެ އިލްމުވެރިންގެ މެދުގައި އިހްތިލާފް އުފެދިފައިވާ މިފަދަ މައްސަލަތަކުގައި އާންމު އަފްރާދުންނާއި އިލްމުވެރިން އަމަލުކުރަންޖެހޭގޮތް، ވަނީ މިއުންމަތުގެ މުޖްތަހިދު އިލްމުވެރިންނާއި، އިމާމުންގެ ކިބައިން ފެނި ބަޔާންވެފައި ކަމަށެވެ. އިސްލާމީ ޝަރީއަތުގައި އިލްމުވެރިންގެ އެޖމެދުގައި ހިޔާލުއުފެދިފައިވާ މައްސަލަތަކުގައި ހިޔާލު ތަފާތުވެ ހާލަތްތަކުގައި އަމަލުކުރުން އޮތްގޮތަކީ އަނެކާގެ ރައުޔަށް އިހުތިރާމްކުރުމާއި، ކީރިތި ގުރުއާނާއި، ސައްހަ ހަދީސާއި، އިލްމުވެރިންގެ އިޖްމާއާއި، ދެންވެސް ހުރި ޝަރުއީ މަސްދަރުތަކުން މައްޗަށް ބިނާކޮށް ހައްގަށް ވަސީލުވުމަށް މަސައްކަތް ކުރުން ކަމަށެވެ.

އަދާލަތުގެ ނޫސްބަޔާނުގައި އަންހެނުން ފަނޑިޔާރު ކަމަށް ހުއްދަ ކަމަށް ބުނާ ފަތުވާތަކާއި ރައުޔުތައް ހިމަނާފައިވާއިރު އެކަމާއި ދެކޮޅަށް އިލްމުވެރިން ނެރުއްވާފައިވާ ރައުޔުތައް ވަނީ ހިމަނާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން ކަމަށްވާ ޑރ.އަޒްމިރަލްޑާ ޒާހިރު އަދި އަލްއުސްތާޛާ. އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާއި މެދު ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގެންފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުންތަކެއް ނޮމިނޭޓްކުރި ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުގައި މިވަގުތު ފަސް ފަނޑިޔާރުން ތިއްބެވި ނަމަވެސް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ އެ އަދަދު ހަތަކަށް އިތުރު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އަދި އެ އިސްލާހު ރައީސް ސޯލިހު ވަނީ ތަސްދީގު ވެސް ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.