Last Updated: March 28, 17:21
Thursday, March 28, 2024
ޚަބަރު

ފަނޑިޔާރުކަމަށް އަންހެނުން އައްޔަންކުރުން ދީނުގެ އަސާސްތަކާ ހިލާފެއް ނޫން

ފަނޑިޔާރުކަމުގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަން ކުރުމަކީ އިސްލާމްދީނުގެ އަސާސްތަކާ ހިލާފު ކަމެއް ނޫން ކަމަށް އެމްޑީޕީން ބުނެފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން ކަމަށްވާ ޑރ.އަޒްމިރަލްޑާ ޒާހިރު އަދި އަލްއުސްތާޛާ. އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާއި މެދު ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގެންފައިވާއިރު ރާއްޖޭގެ ގިނަ އަދަދެއްގެ އިލްމުވެރިން ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހަރާމް ކަމެއް ކަމަށާއި، އެ ނިންމުން ބަދަލު ކުރަން ރައީސް އަށް އިލްތިމާސްކޮށްފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ޤާނޫނުއަސާސީ އަށް ރިޢާޔަތް ކުރާއިރު ފަނޑިޔާރުކަމުގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަން ކުރުމަކީ ޤާނޫނުއަސާސީއާއި ރާއްޖޭގައި ޢަމަލުކުރަމުން އަންނަ އެއްވެސް ޤާނޫނަކާ ޚިލާފު ކަމެއް ނޫން ކަމަށެވެ.

"އަދި ހަމަ އެހެންމެ، އިސްލާމް ދީނުގެ އެއްވެސް އަސާސަކާވެސް ޚިލާފު ކަމެއް ކަމުގައެއް މިޕާޓީއަކުން ނުދެކެމެވެ. މީގެ އިތުރުން، މިމައުޟޫޢުގައި ކޮށްފައިވާ ގިނަ ދިރާސާތަކާއި، ބައިނަލް އަޤްވާމީ ގިނަ އިސްލާމީ ޖަމްޢިއްޔާތަކުން މިކަމުގައި ދެކޭ ގޮތަށް ބަލާއިރު، ކޯޓުތަކުގައި ޝަރީޢަތް ކުރުމަށް އަންހެން ޖިންސުގެ ފަނޑިޔާރުން ތިބުމަކީ އެޖަމްޢިއްޔާތަކުގެ ރައުޔުގައި އިސްލާމް ދީނުގެ އެއްވެސް އަސްލަކާ ޚިލާފު ކަމެއް ނޫނެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ އަންހެނުން ކަމަށާއި ޤައުމު ބިނާ ކުރުމުގެ މަސައްކަތުގައި ވަކީން ޚާއްޞަކޮށް ޕްރޮފެޝަނަލް މަސައްކަތްތައް ކުރުމުގައި އާބާދީގެ ދެބައިކުޅަ އެއްބައި ބާކީކޮށްފައި ޤައުމެއް ބިނާ ކުރެވިދާނެ ކަމަކަށް ކުޑަކޮށްވެސް ޤަބޫލު ނުކުރާ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އެގޮތުން އިޤްޠިޞާދީ ކަންކަމުގެ އިތުރުން އިޖްތިމާޢީ އެންމެހައި ކަންކަމުގައިވެސް ބަސްބުނެ ގޮތް ނިންމުމުގެ ބާރު ފިރިހެނުންނެކޭ އެއް ގޮތަށް އަންހެނުންނަށްވެސް ލިބިދޭން ޖެހޭނެ ކަމަށާއި އެ ޕާޓީން ޤަބޫލުކުރާ އުޞޫލަކީ، އިންސާނަކު ނިސްބަތްވާ ޖިންސެއްގެ ސަބަބުން އެމީހަކު ކުރަން ބޭނުންވާ މަސައްކަތެއް ކުރުން އޭނާއަށް ހުރަހަކަށް ވެގެން ނުވާނެ ކަމުގެ އުޞޫލު ކަމަށް އެމްޑީޕީން ބުނެއެވެ.

މީގެއިތުރުން އެތައް އަހަރެއް ކުރީންވެސް ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ޝަރީޢަތް ކުރުމަށް އަންހެން ޖިންސުގެ ފަނޑިޔާރުން އައްޔަންކޮށްފައިވާ ކަމަށާއި އަދުލް އިންސާފުގެ ނިޒާމް އިޞްލާޙު ކުރުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.