Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

އަގުއެރޯގެ ދެ ގޯލުން ސިޓީ މޮޅުވެއްޖެ

ސާޖިއޯ އަގުއެރޯގެ ދެ ގޯލާއެކު ޕްރިމިއާ ލީގުގައި މިރޭ ބޯންމަތްގެ މައްޗަށް 3-1 އިން މެންޗެސްޓަރ ސިޓީން ކުރި ހޯދައިފިއެވެ.

މިއީ ލީގުގައި ސިޓީން ކުޅުނު ތިންވަނަ މެޗު ކަމަށްވާއިރު އެޓީމު މިހާރު އޮތީ ހަތް ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. އެއްވަނައިގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލިބުނު 9 ޕޮއިންޓާ އެކު އޮތީ ލިވަޕޫލްއެވެ.

ބޯންމަތްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީވެސް ސިޓީންނެވެ. އެގޮތުން މި ގޯލު މެޗުގެ 15 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަގުއެރޯއެވެ. އަދި މެޗުގެ 43 ވަނަ މިނެޓްގައި ރަހީމް ސްޓާލިން ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ބޯންމަތް އަށް ލިބުނު ހިލޭޖެހުމަކުން ހެރީ ވިލްސަން އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިން ނަމަވެސް މެޗުގެ 64 ވަނަ މިނެޓްގައި އަގުއެރޯ ވަނީ ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ދެ ގޯލާއެކު އަގުއެރޯ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 400 އަށް އަރާފައެވެ.

އާޖެންޓީނާ އަށް އުފަން އަގުއެރޯ 400 ގޯލު ހަމަކުރި ގޮތަށް ބަލާއިރު މެންޗެސްޓަރ ސިޓީ އަށް 235 ގޯލު، އެތްލެޓިކޯ މެޑްރިޑަށް 101 ގޯލު، އިންޑިޕެންޑިއެންޓޭ އަށް 23 އަދި އާޖެންޓީނާގެ ގައުމީ ޓީމަށް 41 ގޯލެވެ.

މެންޗެސްޓަރ ސިޓީ ލީގުގައި ދެން ބައްދަލުކުރާނީ ބްރައިޓަންއާއެވެ.