Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ދެ އަންހެން ބޭފުޅުންގެ ނަން ފޮނުއްވީ އިލްމުވެރިންގެ ލަފަޔާއެކު: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން ކަމަށްވާ ޑރ.އަޒްމިރަލްޑާ ޒާހިރު އަދި އަލްއުސްތާޛާ. އައިޝާ ޝުޖޫން މުހައްމަދުގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފޮނުއްވާފައިވަނީ އިލްމުވެރިންގެ ލަފަޔާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޝުޖޫން އާއި އަޒްމިރަލްޑް ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމާ މެދު ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގެންފައިވާއިރު ރާއްޖޭގެ ގިނަ އަދަދެއްގެ އިލްމުވެރިން ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހަރާމް ކަމެއް ކަމަށާއި، އެ ނިންމުން ބަދަލު ކުރަން ރައީސް އަށް އިލްތިމާސްކޮށްފައެވެ.

އެކަމާ ގުޅޭ ބަހުސް ބޮޑުވެފައިވާއިރު ރައީސް ނަޝީދު މިރޭ ވިދާޅުވީ އެ ދެ ނަންފުޅު ރައީސް ސޯލިހު ޖޭއެސްސީ އަށް ފޮނުއްވީ ރާއްޖޭގެ އަދި ބޭރުގެ ގިނަ އަދަދެއްގެ އިލްމުވެރިންގެ ލަފާ ހޯއްދެވުމަށްފަހު ކަމަށާއި ރައީސްގެ އެ ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އަންހެން ފަނޑިޔާރުން ރާއްޖޭގެ ކޯޓުތަކުގައި ފަނޑިޔާރުކަން ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަމަށްވާއިރު މިއީ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރަން ޖޭއެސްސީ އަށް ނޮމިނޭޓް ކުރި ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.