Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ރާއްޖެ އާއި ޗައިނާ މެޗަށް ރައީސް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މިރޭ ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ބައްލަވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި މިރޭ 8 ޖަހާއިރު ފަށާ މި މެޗު ބައްލަވާލެއްވުމުގެ އިތުރުން، ގައުމީ ޓީމުގެ ޖޯޒީ ރަސްމީކޮށް ރައީސް ސޯލިހު ލޯންޗުކޮށްދެއްވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މިރޭގެ މެޗަށް ނިކުންނައިރު ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ރާއްޖެ މިދިޔަ ހަފްތާގައި ވަނީ ރަށުން ބޭރުގައި ކުޅެ ގުއާމްގެ މައްޗަށް 1-0 އިން ކުރި ހޯދާފައެވެ. އެ މެޗަށް ނެގި ސްކޮޑުގައި އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ހިމަނާފައިނުވި ނަމަވެސް މިރޭ ޗައިނާއާ ދެކޮޅަށް ގައުމީ ޓީމުން ނެގި ސްކޮޑުން އޭނާ އަށް ޖާގަ ދީފައިވެއެވެ.

ގްރޫޕް އޭ ގައި ގުއާމް އާއި ޗައިނާގެ އިތުރުން ދެން ހިމެނެނީ ފިލިޕީންސް އާއި ސީރިޔާއެވެ.

ވޯލްޑް ކަޕް ކޮލިފައިން މި ފަހަރު ވެސް ކުރިއަށްދާނީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންއާ އެއްކޮށެވެ.

އެގޮތުން ކޮލިފައިންގެ ތިން ވަނަ ބުރުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އާއި ހުރިހާ ގްރޫޕަކަށް ބަލާއިރު އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ރަނަރަޕް ޓީމަށެވެ. އަދި ކޮލިފައިންގެ ތިންވަނަ ބުރުން ޖާގަ ލިބޭ ހުރިހާ ޓީމެއް އޭޝިއަން ކަޕަށް ވެސް ކޮލިފައިވާނެއެވެ.