Last Updated: April 20, 18:06
Saturday, April 20, 2024
ކުޅިވަރު

ޗައިނާއާ އެއްވަރު ކުރިއަސް ކޮންމެ ކުޅުންތެރިޔަކަށް އެއް ލައްކަ ރުފިޔާ!

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މިރޭ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރު ކުރިއަސް ރާއްޖޭގެ ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް އެއް ލައްކަ ރުފިޔާ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ މިރޭގެ މެޗުގެ ކުރިން ޓީމުގެ ކުޅުންތެރިންނާއި ބައްދަލުކޮށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ދެއްކެވި ވާހަކަފުޅުގައެވެ.

މީގެކުރިން ވެސް ގައުމީ ޓީމުން ހޯދާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ސަރުކާރުންނާއި އެފްއޭއެމުން ޓީމުގެ ކުޅުންތެރިންނަށް ބޯނަސްގެ ގޮތުގައި ފައިސާގެ އިނާމު ދީފައިވެއެވެ.

މިރޭ 8 ޖަހާއިރު ގަލޮޅު ދަނޑުގައި ކުޅޭ މި މެޗު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިރޭގެ މެޗަށް ނިކުންނައިރު ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ރާއްޖެ މިދިޔަ ހަފްތާގައި ވަނީ ރަށުން ބޭރުގައި ކުޅެ ގުއާމްގެ މައްޗަށް 1-0 އިން ކުރި ހޯދާފައެވެ. އެ މެޗަށް ނެގި ސްކޮޑުގައި އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ހިމަނާފައިނުވި ނަމަވެސް މިރޭ ޗައިނާއާ ދެކޮޅަށް ގައުމީ ޓީމުން ނެގި ސްކޮޑުން އޭނާ އަށް ޖާގަ ދީފައިވެއެވެ.

ގްރޫޕް އޭ ގައި ގުއާމް އާއި ޗައިނާގެ އިތުރުން ދެން ހިމެނެނީ ފިލިޕީންސް އާއި ސީރިޔާއެވެ.

ވޯލްޑް ކަޕް ކޮލިފައިން މި ފަހަރު ވެސް ކުރިއަށްދާނީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންއާ އެއްކޮށެވެ.

އެގޮތުން ކޮލިފައިންގެ ތިން ވަނަ ބުރުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އާއި ހުރިހާ ގްރޫޕަކަށް ބަލާއިރު އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ރަނަރަޕް ޓީމަށެވެ. އަދި ކޮލިފައިންގެ ތިންވަނަ ބުރުން ޖާގަ ލިބޭ ހުރިހާ ޓީމެއް އޭޝިއަން ކަޕަށް ވެސް ކޮލިފައިވާނެއެވެ.