Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުމާލޭގައި ބަހައްޓައިފި

ބޭންކް އޮފް މޯލްޑިވްސް އިން ހުޅުމާލޭގެ ރެނާޓަސް އިތާމުތް ބިލްޑިންގ ގައި ޔޫއެސް ޑޮލަރަށް ޚާއްސަ އޭޓީއެމް އެއް މިއަދު ހުޅުވައިފިއެވެ.

ހުޅުމާލޭގައި ގާއިމުކުރި އޭޓީއެމް އަކީ ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ހުޅުމާލެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުވުނު އޭޓީއެމް އެކެވެ. މިއާއެކު ބީއެމްއެލް އިން އަންނަނީ ހުޅުމާލޭގެ ތަފާތު ތިން ސަރަހައްދެއްގައި 7 އެޓީއެމް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ.

މި އޭޓީއެމް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމާއި ޓްރާންސްފަރ ގެ ޚިދުމަތްވެސް ހޯދޭނެއެވެ. މި އޭޓީއެމް ރަސްމީކޮން އިފްތިތާޙު ކޮށްދެއްވީ ބީއެމްއެމް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ އެވެ.

މި ޚިދުމަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވީ މިއީ ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.

"ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކުރި ދުވަހުން ފެށިގެން މި ޚިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުން. މިދިޔަ އަހަރެއްހާ ދުވަސްތެރޭ ޔޫއެސް ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 800,000 އަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވޭ. އަދި ހަމަ މި މުއްދަތުގައި ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 490 މިލިއަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ ނަގާފައިވޭ. މި ތަފާސް ހިސާބުތަކަށް ބަލާއިރުވެސް ކަސްޓަމަރުން ބޭނުންވާ މިންވަރަށް އޭޓީއެމް މެދުވެރިކޮށް ޚިދުމަތް ދެވެމުންދާކަން ފާހަގަކޮށްލަން." އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 47 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 110 އޭޓީއެމް، 5500 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.