Last Updated: April 25, 20:04
Thursday, April 25, 2024
ކުޅިވަރު

ލިވަޕޫލް ފަސް ބެލުމެއް ނެތި ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 3-1 އިން ކުރިހޯދައި ލިވަޕޫލުން ލީގުގައި ޖެހިޖެހިގެން ފަސްވަނަ މޮޅު ހަމަކޮށްފި އެވެ.

މި މޮޅާއެކު ލިވަޕޫލް މިހާރު އޮތީ ފަސް މެޗުން މޮޅުވެ ލިބުނު 15 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައެވެ. ލިވަޕޫލަށް ވުރެ އެއް މެޗު މަދުން ކުޅެ 10 ޕޮއިންޓާ އެކު އޮތީ މެންޗެސްޓަރ ސިޓީއެވެ. މިއަދުގެ މެޗުން ބަލިވި ނިއުކާސަލް އޮތީ ހަތަރު ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގައެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ނިއުކާސަލް އިންނެވެ. އެގޮތުން މެޗުގެ ހަތްވަނަ މިނެޓްގައި ނިއުކާސަލް އަށް މި ގޯލު ކާމިޔާބުކޮށްދިނީ ޖެޓްރޯ ވިލިއެމްސްއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާގެ ކަނެއްގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ނަމަވެސް މެޗުގެ 28 ވަނަ މިނެޓްގައި ސަޑިއޯ މާނޭ ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން މާނޭ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ލިވަޕޫލަށް މެޗުގެ ލީޑު ނަގާދީފައެވެ.

ދެވަނަ ހާފްގައި ލިވަޕޫލް އިން ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުންދިޔައިރު މެޗުގެ 72 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން ތިން ޕޮއިންޓު ލިވަޕޫލަށް ކަށަވަރުކޮށްދީފައެވެ.

މިއީ ލީގުގައި ކުޅުނު ފުރަތަމަ ފަސް މެޗުން ލިވަޕޫލުން ޖެހިޖެހިގެން މޮޅުވި ދެވަނަ ސީޒަނެވެ. މި ޝަރަފު މީގެކުރިން ހޯދާފައިވަނީ ޗެލްސީ އާއި މެންޗެސްޓަރ ސިޓީންނެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ޗެލްސީއާއެވެ.