Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ނޯވިޗް އިން މެންޗެސްޓަރ ސިޓީ ބަލިކޮށްފި

ޕްރިމިއާ ލީގުގައި މިރޭ ނޯވިޗް ސިޓީން 3-2 އިން މެންޗެސްޓަރ ސިޓީގެ މައްޗަށް ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ނޯވިޗް އޮތީ ހަ ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގައެވެ. ސިޓީ އޮތީ 10 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. އެއްވަނައިގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު އޮތީ ލިވަޕޫލްއެވެ.

ނޯވިޗްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް ނޯވިޗް އިންނެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓްގައި މި ގޯލު ނޯވިޗަށް ކާމިޔާބުކޮށްދިނީ ކެނީ މެކްލީންނެވެ. އަދި މެޗުގެ 28 ވަނަ މިނެޓްގައި ޓޮޑް ކަންޓްވެލް ވަނީ ނޯވިޗްގެ ދެވަނަ ގޯލު ކާމިޔާބުކޮށް ސިޓީ ސިއްސުވާލާފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ނޯވިޗް އިން ފުރަތަމަ ހާފް ނިންމާލުމާ ގާތަށް ޖެހިލާފައިވަނިކޮށް އެ ހާފްގެ ފަހު މިނެޓްގައި ސާޖިއޯ އަގުއެރޯ ވަނީ ގޯލެއް ކާމިޔާބުކޮށް ސިޓީ އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ޓީމޫ ޕުއްކީ ވަނީ ނޯވިޗްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އަލުން ލީޑު ފުޅާކޮށްދީފައެވެ. މި ގޯލު ނޯވިޗް އިން ކާމިޔާބުކުރީ ސިޓީގެ ޑިފެންޑަރު އޮޓެމެންޑީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

މެޗުގެ 88 ވަނަ މިނެޓްގައި ރޮޑްރިގޯ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކުރުމަށް ސިޓީން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން އިތުރު ގޯލެއް އެޓީމަށް ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

ލީގުގައި މިރޭ ކުޅުނު މެޗުން ސިޓީ ބަލިވިއިރު ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑް ވަނީ މިރޭގެ މެޗުތަކުން މޮޅުވެފައެވެ. އެގޮތުން ޔުނައިޓެޑް މޮޅުވީ ލެސްޓާއާ ބައްދަލުކޮށް 1-0 އިންނެވެ. ޗެލްސީ މޮޅުވީ ވުލްވްސްއާ ބައްދަލުކޮށް 5-2 އިންނެވެ. މީގެއިތުރުން ޓޮޓެންހަމުން ވަނީ ކްރިސްޓަލް ޕެލެސްގެ މައްޗަށް 4-0 އިން ކުރި ހޯދާފައެވެ.