Last Updated: April 25, 06:02
Thursday, April 25, 2024
ކުޅިވަރު

16 އަހަރުގެ ފާޓީގެ މޮޅު ކުޅުމާއެކު ބާސާ މޮޅުވެއްޖެ

އަންސޫ ފާޓީ

އުމުރުން 16 އަހަރު އަންސޫ ފާޓީގެ މޮޅު ކުޅުމާއެކު ސްޕެނިޝް ލީގުގައި ރޭ ވެލެންސިޔާގެ މައްޗަށް 5-2 އިން ބާސެލޯނާ އިން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ބާސާ އޮތީ ހަތް ޕޮއިންޓާއެކު ލީގުގެ ހަތަރުވަނައިގައެވެ. ލީގުގެ ތިންވަނައިގައި އޮތް އެތްލެޓިކް ބިލްބާއޯ އަދި ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް އަށް ޕޮއިންޓު ލިބިފައިވާއިރު އެއްވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ދެވަނަ މިނެޓްގައި ފާޓީ ވަނީ ބާސާ އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ ހަތްވަނަ މިނެޓްގައި ފާޓީ ދިން ޕާހަކުން ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ފްރެންކީ ޑި ޔޮންގްއެވެ. މި މެޗަކީ ބާސާގެ ފުރަތަމަ އެގާރާގައި ހިމެނިގެން ފާޓީ ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ގަމެއިރޯ ވެލެންސިޔާ އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދިންއިރު ދެވަނަ ހާފްގެ ކުރީކޮޅު ޖެރާޑް ޕީކޭ ވަނީ ބާސާގެ ލީޑު އަލުން ފުޅާކޮށްދީފައެވެ. އަދި ބާސާގެ ހަތަރުވަނަ ގޯލާއި ފަސްވަނަ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލުއިސް ސުއަރޭޒްއެވެ. ވެލެންސިޔާގެ ދެވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ގޮމޭޒްއެވެ.

އުމުރުން 16 އަހަރުގެ ފާޓީގެ ފަރާތުން މޮޅު ކުޅުމެއް ރޭ ފެނިގެންދިޔައިރު އޭނާ ވެގެން ގޮސްފައިވަނީ 1941 ވަނަ އަހަރަށްފަހު ބާސާ އަށް ކުޅުނު އެންމެ ހަނގު ކުޅުންތެރިޔާ އަށެވެ.