Last Updated: April 23, 21:11
Tuesday, April 23, 2024
ވިޔަފާރި

ކެލާ އަދި ބާރަށުގައި ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް ހުޅުވައިފި

ހއ.ކެލާ އަދި ބާރަށުގައި ބޭންކް އޮފް މޯލްޑިވެސް (ބީއެމްއެލް)ގެ އޭޓީއެމްއެއް ސެންޓަރެއް ގާއިމުކޮށްފި އެވެ.

ބީއެމްއެލް މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކެލާ އަދި ބާރަށުގައި ބެހެއްޓި އޭޓީއެމް މެދުވެރިކޮށް ފައިސާ ދެއްކުމާއި ފައިސާ ޖަމާ ކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ވެސް 24 ގަޑިއިރު ލިބިގެންދާނެ ކަމަށެވެ.

މި ހިދުމަތާއެކު، ހއ. ގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ދޭ ރަށްތަކުގެ އަދަދު ފަހަކަށް މިހާރު ވަނީ އަރާފައެވެ. މީގެ އިތުރުން ބޭންކުން އަންނަނީ ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫގައި ޤާއިމްކޮށްފައިވާ 3 ބްރާންޗް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ.

މި ޚިދުމަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއަދަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކިންގ ޚިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ކުރިއަށްގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މުހިންމު ފިޔަވަޅެއް އެޅުނު ދުވަހެއް ކަމަށެވެ.

"ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި މަގްބޫލްކަން ލިބެމުން އަންނަ ހއ. އަތޮޅަށާއި, ފަރުދުންނާއި ވިޔަފާރިތަކާއި މި ދެރަށުގެ ރައްޔިތުންނަށް މި އޭޓީއެމް ސެންޓަރތައް މެދުވެރިކޮށް ބޭންކިންގ ޚިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ހޯދައިދެވުނު ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއާއެކު ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް، ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ." އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާ އެކު 20 އަތޮޅުގައި 37 ބްރާންޗް، 49 ސެލްފްސާވިސް ބޭންކިންގް ސެންޓަރު، 113 އޭޓީއެމް، 5500 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.