Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ސައުދީ ހަމަލާއާ ގުޅިގެން އެމެރިކާގެ ތުހުމަތު އީރާނުން ދޮގުކޮށްފި

ސައުދީ އަރަބިއްޔާގެ އަރަމްކޯ ތެޔޮ ކުންފުނީގެ ދެ ޕްލާންޓަކަށް ދިން ޑްރޯން ހަމަލާތަކުގެ ފަހަތުގައި ވަނީ އީރާން ކަމަށް ބުނެ އެމެރިކާ އިން ކުރި ތުހުމަތު އެގައުމުން ދޮގުކޮށްފިއެވެ.

މި ހަމަލާގެ ޒިންމާ ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އުފުލާފައިވާއިރު އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވިދާޅުވީ މި ހަމަލާ އައިސްފައިވަނީ ޔަމަނުން ކަމަށް ބެލެވޭނެ އެއްވެސް ހެއްކެތް ނެތް ކަމަށެވެ.

އެގޮތުން ސައުދީ އަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން ގާތްގަނޑަކަށް 100 ހަމަލާގެ ފަހަތުގައި އޮންނަނީ އީރާން ކަމަށާއި އެ ޤައުމުގެ ރައީސް ޙަސަން ރޫޙާނީއާއި ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ދަނީ ސިޔާސީ ގޮތުން މައްސަލަތަކަށް ޙައްލު ހޯއްދެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ބޭރު ދުނިޔެ އަށް ދެއްކުމަށް މަސައްކަތް ކުރަމުން ކަމަށްވެސް ޕޮމްޕެއޯ ވިދާޅުވިއެވެ.

ޕޮމްޕެއޯގެ މި ވާހަކަތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ޢައްބާސް މޫސާވީ ވަނީ މިއީ އެއްވެސް ކަހަލަ އަސާސެއް ނެތް ތުހުމަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ އީރާނުގެ އަގު ވައްޓާލުމުގެ ގޮތުން ދައްކާ ވާހަކަތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހަމަލާއާ ގުޅިގެން ސައުދީގެ ހަކަތައާ ބެހޭ ވަޒީރު ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވީ ތެޔޮ އުފެއްދުން ދުވާލަކަށް 5.7 މިލިއަން ފީފާއަށް މަދުކޮށްފައިވާ ކަމަށެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.