Last Updated: March 29, 18:55
Friday, March 29, 2024
ކުޅިވަރު

ވޮޓްފޯޑް އިން އާސެނަލް ހިފަހައްޓައިފި

ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރާ ވޮޓްފޯޑް އިން އާސެނަލްއާ 2-2 އިން އެއްވަރުކޮށްފިއެވެ.

ރޭގެ ނަތީޖާއާއެކު އާސެނަލް މިހާރު އޮތީ 8 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގައެވެ. ވޮޓްފޯޑް އޮތީ ދެ ޕޮއިންޓާ އެކު ލީގުގެ ފުލުގައެވެ. ލީގުގެ އެއްވަނައިގައި 15 ޕޮއިންޓާއެކު އޮތީ ލިވަޕޫލްއެވެ.

ވޮޓްފޯޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 21 ވަނަ މިނެޓްގައި އޮބަމަޔަންގް ވަނީ އާސެނަލް އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 32 ވަނަ މިނެޓްގައި އާސެނަލްގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ އޮބަމަޔަންގްއެވެ. މި ދެ ގޯލާއެކު އޭނާ ލީގުގައި ޖެހި ގޯލުގެ އަދަދު މިހާރު ވަނީ ފަހަކަށް އަރާފައެވެ.

ފުރަތަމަ ހާފް ދެ ގޯލުގެ ލީޑަކާއެކު އާސެނަލް އިން ނިންމާލިއިރު ދެވަނަ ހާފްގައި ވޮޓްފޯޑުން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ. އެގޮތުން 53 ވަނަ މިނެޓްގައި ވޮޑްފޯޑުން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޓޮމް ކްލެވަލީއެވެ.

މި ގޯލަށްފަހު ވެސް ވޮޓްފޯޑުން އާސެނަލްގެ ގޯލަށް ދިޔައީ ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 81 ވަނަ މިނެޓްގައި އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ރޮބާޓޯ ޕެރޭރާ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލީޑު ނަގަން ވެސް ވޮޓްފޯޑުން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ.

މިއީ ލީގުގައި އާސެނަލް އަށް މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލަން ޖެހުނު ތިންވަނަ މެޗެވެ. އެގޮތުން ލީގުގައި އެންމެފަހުން ޓޮޓެންހަމްއާ ބައްދަލުކުރި މެޗުން ވެސް 2-2 އިން އާސެނަލް އެއްވަރުވިއިރު ލިވަޕޫލް އަތުން އެޓީމު ވަނީ 3-1 އިން ބަލިވެފައެވެ.