Last Updated: April 25, 17:15
Thursday, April 25, 2024
ވިޔަފާރި

ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) -- ވީފޮޓޯ

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ހުސްވެފައިވާ ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމުގައި ހުންނެވި ނާދިޔާ ހަސަން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އާ ސީއީއޯއެއް އައްޔަން ކުރެވެންދެން އެ މަގާމު އަދާކުރައްވަމުން ގެންދަވަނީ އެ އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް، ހެޑް އޮފް މާކެޓް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓް ފާތިމަތު އަބްދުﷲ ކަމާލުއްދީންއެވެ.

ސީއެމްޑީއޭ އިން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ އެތަނުގެ ސީއީއޯގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ފައިނޭންސް، އެކައުންޓިން، އިކޮނޮމިކްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބޭންކިން، ނުވަތަ ގުޅުންހުރި ދައިރާއަކުން ބެޗެލާސް ޑިގްރީ، ނުވަތަ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 8 އަށް ފެތޭ ސަނަދެއް އޮތް ބޭފުޅަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މިމަގާމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ނިންމުންތައް ނިންމާ ލެވެލްގައި މަދުވެގެން ހަތް އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށްވެސް ވާންޖެހޭނެ ކަމަށް އިއުލާންގައިވެ އެވެ.

ސީއެމްޑީއޭގެ ސީއީއޯގެ އަސާސީ މުސާރައަކީ 25،000 އާއި 30،000 އާ ދެމެދުގެ އަދަދެކެވެ. އަދި ފިކްސްޑް އެލަވަންސްގެ ގޮތުގައި މަހަކު 12،000 ރުފިޔާ އާއި ބޯޑް އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ ލިބެ އެވެ.

އެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 23 ވާ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށެވެ.