Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފަސް ދުވަހުގެ ތެރޭގައި އަދީބަށް ހުކުމް އިއްވަނީ

އަހުމަދު އަދީބު

ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެންދިޔަ މައްސަލާގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އަށް އިއުތިރާފް ވެފައިވާތީ ފަސް ދުވަހުގެ ތެރޭގައި މި މައްސަލާގައި ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލާގައި އަދީބުގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.

މީގެކުރިން އިއްވި ގިނަ ހުކުމްތަކަކުން އަދީބު ސަލާމަތްވެފައިވަނިކޮށް އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރު ކުރީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ އަދީބުގެ ހިޔާނާތުގެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ނިމެންދެންނެވެ. ނަމަވެސް ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް އަދީބު ވަނީ ޓަގު ބޯޓެއްގައި ފިލައިގެން ރާއްޖެ އިން ގޮސްފައެވެ.

އެ މައްސަލައާ ގުޅިގެން އުފުލާފައިވާ ދައުވާއާ ގުޅޭގޮތުން މިއަދު ބޭއްވި އަޑުއެހުމުގައި އަދީބު ވަނީ އެ ކުށަށް އިއުތިރާފްވާ ކަމަށާއި ދެން އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ވިދާޅުވެ މާފަށް އެދިވަޑައިގެންފައެވެ. އަދި މި މައްސަލާގައި ހުކުމް ކުރާއިރު ސިއްހީ ހާލަތައް ރިއާޔަތް ކުުރުމަށް އަދީބު ވަނީ މައްސަލަ ބައްލަވާ ގާޒީގެ ކިބައިން އެދިވަޑައިގެންފައެވެ.

އަދީބު ކުށަށް އިއުތިރާފްވެފައިވާތީ މައްސަލަ ބައްލަވާ ގާޒީ ވަނީ ފަސް ދުވަސް ތެރޭގައި އަވަސް ނިޔާގެ ޝަރީއަތް ބާއްވާ އަދީބަށް ހުކުމް ކުރުމަށް ނިންމާފައެވެ. ކުށަށް އިއުތިރާފްވުމުން އަދީބަށް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.