Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

އައްޑު އާއި ފުވައްމުލައް ބަޔޮސްފިއާ ރިޒާވަކަށް ހަދަނީ

ބަޔޯސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގެ ސަރަހައްދެއް

އައްޑޫ އާއި ފުވައްމުލަަށް ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ހުށަހެޅުއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާމެދު މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ރައީސް އޮފީހުން ބުނީ މި ދެ އަތޮޅަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ، ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ފޮނުވުމުގެ އެންމެބޮޑު ބޭނުމަކީ ދެމެހެއްޓެނިވި ގޮތުގައި ދިރޭތަކެތީގެ ބޭނުން ހިފުމުގައްޔާއި ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި ޔުނެސްކޯގެ ބަޔޮސްފިޔަރ ރިޒާވް މޮޑެލްއަކީ ތިމާވެށީގެ، އިޖްތިމާއީ އަދި އިޤްތިޞާދީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޮޑެލްއަކަށް ވާތީ ކަމަށެވެ.

އެގޮތުން މި ދެ އަތޮޅު ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ހަމަޖެހުމުން، މިދެ އަތޮޅުގައި މިހާރު ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން ލިބޭ އިޤްތިޞާދީ ފައިދާ އިތުރުވުމުގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ދެ އަތޮޅު ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ކަނޑައެޅޭއިރު ބަޔޮސްފިޔަރ ރިޒާވެއްގައި ހިމެނޭ ސަރަހައްދުތައް ބެހިފައި ވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ކޯ އޭރިޔާ، ބަފަރޒޯން އަދި ޓްރާންޒިޝަނަލް ނުވަތަ މަލްޓި ޔޫޒް އޭރިޔާއެވެ.