Last Updated: March 28, 17:21
Thursday, March 28, 2024
ޚަބަރު

ތިން ރަށެއްގައި އިންސިނެރޭޓަރު ބެހެއްޓުމަށް ބަޔަކާ ހަވާލުކޮށްފި

ތިން ރަށެއްގައި ކުނި އަންދާނެ އިންސިނެރޭޓަރު ބެހެއްޓުމަށް ބަޔަކާ މިއަދު ހަވާލުކޮށްފިއެވެ.

އެގޮތުން ހދ. ކުޅުދުއްފުށީ އަދި ފުވައްމުލަކުގައި އިންސިނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ހަވާލުކުރީ މެކްސްޓާ މޯލްޑިވްސްއާ އެވެ. އަދި މާފުށީގައި އިންސިނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ހަވާލުކުރީ ކޮރަލް ލައިފް މޯލްޑިވްސް އާ އެވެ. މި ޕްރޮޖެކްޓުތަކުގެ މުއްދަތަކީ 119 ދުވަހެވެ.

މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހުސެއިން އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ތިލަފުށީގައި ބަހައްޓާފައިވާ އިންސިނެރޭޓަރު އެރަށްތަކަށް ގެންދިޔުމާއެކު އިންސިނެރޭޓަރު ބަހައްޓާ ޝެޑް ހެދުމުގެ އިތުރުން އިންސްޓޯލް ކުރާނެ ކަމަށެވެ. މިއީ ސަރުކާރުގެ ބަޖެޓުން ޖުމްލަ 6.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހުސެއިން ވިދާޅުވީ އިންސިނެރޭޓަރުތައް ބެހެއްޓި ނަމަވެސް ކުނީގެ މައްސަލައަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއު ކުރިއަށްގެންދާނެ ކަމަށެވެ.

އަދި އެ މަޝްރޫއުތަކުން ކުނީގެ މައްސަލައަށް ހައްލުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.