Last Updated: April 23, 16:11
Tuesday, April 23, 2024
ކުޅިވަރު

ސްޓޭގަންގެ މޮޅު ކުޅުމާއެކު ބާސާ ސަލާމަތްވެއްޖެ

ޖަރުމަނުގެ ގޯލް ކީޕަރު، މާކް އަންދްރޭ ޓާ ސްޓޭގަންގެ މޮޅު ކުޅުމާއެކު ބާސެލޯނާ ބްރޫޝިއާ ޑޯޓްމަންޑް އަތުން ބަލިނުވެ ސަލާމަތްވެއްޖެއެވެ. ރޭގެ މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ޑޯޓްމަންޑުގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ޑޯޓްމަންޑުން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފްގައި ފުދޭ ވަރަކަށް ހުހަށް ހުރެ ރޮއިސް ފޮނުވާލި ހަމަލާއެއް ބާސާގެ ކީޕަރު ސްޓޭގަން ދިފާއުކުރިއިރު ދެވަނަ ހާފްގެ ކުރީކޮޅު ޑޯޓްމަންޑަށް ލިބުނު ޕެނަލްޓީ ވެސް ސްޓޭގަން ވަނީ ދިފާއުކޮށްފައެވެ. މި ޕެނަލްޓީ ފޮނުވާލީ ޑޯޓްމަންޑްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ރޮއިސްއެވެ.

އެ ޕެނަލްޓީއަށްފަހު ވެސް ޑޯޓްމަންޑުން ބާސާގެ ގޯލަށް ދިޔައީ ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ ފަހުކޮޅު ޑޯޓްމަންޑްގެ މިޑްފީލްޑަރު ޖޫލިއަން ބްރަންޑްޓް ފޮނުވާލި ބާރު ހަމަލާއެއް ވަނީ ބާސާގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައެވެ.

ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ބާސާ އަށް މި މެޗުގައި ތަނަވަސްކުރެވިފައި ނުވާއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ލިއޮނަލް މެސީ ވަނީ މެޗުގެ ދެވަނަ ހާފްގައި ކުޅެން އަރާފައެވެ. އެގޮތުން މެޗުގެ އެންމެފަހު މިނެޓްގައި ބާސާ މޮޅުކޮށްދޭން މެސީ އަށް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ ޑޯޓްމަންޑްގެ ކުޅުންތެރިއަކު ވަނީ ދިފާއުކޮށްފައެވެ.

ބާސާ އާއި ޑޯޓްމަންޑް ރޭ އެއްވަރުވިއިރު މި ގްރޫޕްގައި ދެން ހިމެނޭ އިންޓަ މިލާނާއި ސްލާވިއާ ޕްރާގް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.