Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ނިއުޔޯކް ކޮންވެންޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

އ.ދ.ގެ މުޢާހަދާއެއް ކަމުގައިވާ "ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް (ނިއުޔޯކް ކޮންވެންޝަން)"ގައި ރާއްޖެ އިން ބައިވެރިވެއްޖެއެވެ.

ރާއްޖެއިން ނިއުޔޯކް ކޮންވެންޝަންގައި ބައިވެރިވުމުގެ ގޮތުން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު އިއްޔެ ވަނީ އެ މުއާހަދާގައި ސޮއިކުރައްވާފައެވެ.

މި މުއާހަދާއަކީ ގައުމުތަކުން ނިންމާ އާބިޓްރޭޝަންގެ މައްސަލަތައް ބަލައިގަނެ އެ މައްސަލަތައް ރައްދުވާ ފަރާތްތަކުގެ ގައުމުތަކުގައި އެ ނިންމުންތައް ތަންފީޒުކުރުމާ ގުޅޭގޮތުން 1958 ގައި އދ ގެ ޑިޕްލޮމެޓިކް ކޮންފަރަންސަކުން ފާސްކޮށް ތަންފީޒުކުރަން ފެށި މުއާހަދާއެކެވެ.

ރާއްޖެ ވެގެން ގޮސްފައިވަނީ މި މުއާހަދާގައި ބައިވެރިވި 161 ގައުމަށެވެ.

ރައީސް އޮފީހުން ކުރިން ބުނެފައިވާ ގޮތުން މިމުޢާހަދާގައި ރާއްޖެއިން ބައިވެރިވުމުގެ ބޭނުމަކީ، ބޭރު ދައުލަތްތަކުގެ ތަޙްކީމުގެ ނިންމުންތައް ބަލައިގަނެ ތަންފީޒު ކުރެވޭނެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުން ކަމަށެވެ. އަދި އޭގެ ސަބަބުން ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ރަނގަޅު މާޙައުލެއް ޤާއިމު ކުރެވި، ރާއްޖެއަށް ބޭރުގެ ގިނަ އިންވެސްޓްމަންޓްތަކެއް ވަނުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.