Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޓީބީ ޓެސްޓު ކުރާ މެޝިން ހަތަރު އަތޮޅަކަށް ފޮނުވަނީ

ރާއްޖޭގެ ހޮސްޕިޓަލް ތަކުގައި ޓިބީ ބަލި ދެނެގަތުމަށް ޓެސްޓް ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ޑަބްލިއު އެޗް އޯ އިން މިނިސްޓްރީ އޮފް ހެލްތަށް ހަތަރު ޖީން އެކްސްޕާޓް މެޝިން މިއަދު ހަދިޔާކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ހަތަރު މެޝިން ފޮނުވުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅާއި ރ. ޅ. އަދި އައްޑޫ ސިޓީގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ކަމަށެވެ.

ޖީން އެކްސްޕަރޓް މެޝިން ބޭނުންކޮށްގެން ޓީ.ބީއަށް ހެދޭ ޓެސްޓުން، 2 ގަޑިއިރުގެ ތެރޭގައި މީހެއްގެ ކުޅުގައި ޓީ.ބީގެ ޖަރާސީމު ހުރިތޯއާއި، ޓީ.ބީއަށް ބޭނުންކުރެވޭ ބައެއް ބޭހަށް ރެސިސްޓެންޓްކަން ނުވަތަ ނޫންކަން ދެނެގަނެވެއެވެ.

އާއްމުކޮށް ޓީ.ބީ ބަލި ޖެހިފައިވޭތޯ ބަލަނީ ތިން ދުވަސް މަތިން ކުޅުނަގައި، އޭގައި ޖަރާސީމު ހުރިތޯ ބެލުމާއި، އެކްސް ރޭ އިންނެވެ. ޖީން އެކްސްޕާރޓް މެޝިން ބޭނުންކޮށްގެން ހެދޭ ޓެސްޓް ތަކުން އަވަހަށް ޓެސްޓްގެ ނަތީޖާ ލިބި، ބަލިމީހާގެ ހަށިގަނޑުގައި ބޭހަށް ނުގުޑާ ޓީ.ބީ ގެ ޖަރާސީމް ހުރިކަން ނުވަތަ ނެތް ކަން ވެސް އެނގިގެންދެއެވެ. އަދި މިކަމުގެ ސަބަބުން، ބަލި މީހާއަށް ދޭން ޖެހޭ ފަރުވާ ވީހާވެސް އަވަހަށް ފެށި، ޓީ.ބީ ބަލިން ބަލި މީހާ އަދި މުޖްތަމައު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދެއެވެ.

ޓީބީ އަށް ޓެސްޓް ކުރެވޭ އެންމެ ފަހުގެ ވަސީލަތްތައް ބޭނުންކޮށްގެން ޓީބީ ބަލި ދެނެގަނެ ފަރުވާގެ ކަންތައް ކުރިޔަށް ގެންދިއުމުގެ ގޮތުން މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ރާއްޖޭގެ 2 ސަރަޙައްދުގައި (ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި ގދ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި) ޖީންއެކްސްޕާރޓް މެޝީން ބެހެއްޓި ޚިދުމަތް ވަނީ ފެށިފައެވެ.

މީގެ ކުރިން ޖީން އެކްސްޕަރޓްގެ ޚިދުމަތް ދެމުން ގެންދިޔައީ ހަމައެކަނި އައި.ޖީ.އެމް.އެޗްގައެވެ.