Last Updated: April 25, 10:28
Thursday, April 25, 2024
ޚަބަރު

ބިދޭސީންގެ މައްސަލަ ހައްލު ނުވެއްޖެނަމަ މަގާމު ދޫކޮށްލަން ތައްޔާރު: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް. --ފޮޓޯ:ރައީސް އޮފީސް

ބިދޭސީންގެ މައްސަލަ ހައްލު ނުވެއްޖެނަމަ މަގާމު ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރާއިރު ވެސް ތަފާތު އެކި ވާހަކަތަކަށް އޭނާއާ ގުޅުވައިގެން ވެސް ދައްކަމުންދާ ކަމަށާއި ނަމަވެސް އެގޮތަށް ދައްކަމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

އަދި އެފަދަ ވާހަކަތަކަށް ބެލުމެއް ނެތި އެ މައްސަލައަށް ހައްލު ގެންނަވާނެ ކަމަށާއި އެ މައްސަލަ އަށް ހައްލު ނުގެނެވިއްޖެނަމަ މަގާމުގައި ނުހުންނަވާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"މިކަން ހައްލު ކުރާނަން. ހައްލު ނުވެއްޖެނަމަ މި މަގާމުގައި އަޅުގަނޑު ނުހުންނާނެ" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު މިހެން ވިދާޅުވިއިރު ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުކެވެ.

މި މައްސަލަ އަށް ހައްލެއް ގެނައުމަށް ރައީސް ސޯލިހު އިއްޔެ ޓާސްކްފޯހެއް އުފައްދަވާފައިވާއިރު އެ ޓާކްސްފޯހުން މިއަދު ވަނީ ބަންގްލާދޭޝްގެ ލޭބަރުން ރާއްޖެ ގެނައުން އެއް އަހަރު ދުވަހަށް މަނާކުރަން ނިންމާފައެވެ.

އެ ނިންމުމާ ގުޅޭގޮތުން އެ ޓާސްކްފޯހުގެ އެންމެ އިސް ބޭފުޅަކަށް ވެސް ހުންނެވި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކޮންމެ ގައުމަކުން ވެސް ރާއްޖެ ގެނެވޭނީ ތަމްރީނު ލިބިފައި ނުވާ 150،000 މަސައްކަތްތެރީން ކަމަށް ކަނޑައަޅާފައިވާ ކަމަށާއި މިހާރު ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުންނާއެކު އެ އަދަދު އެ ގައުމަށް ހަމަވެފައިވާ ކަމަށެވެ.

"އެހެންވީމާ މިހާރު ކަންވެފައި އޮތް ގޮތުން ވެއްޖެއްޔާ ބަންގްލަދޭޝް އަށް އިތުރަށް މީހުން ވެއްދޭކަށް ނެތް މިވަގުތު. އެ ކޯޓާ އޮތީ ހަމަވެފައި" މިނިސްޓަރު ވިދާޅުވިއެވެ.

މި ނިންމުމަށް އަމަލުކުރަން ފަށަނީ މިއަދުން ފެށިގެން ކަމަށް ވާތީ މިއަދާ ހަމައަށް ކޯޓާއަށް އެދިފައިވާ ފަރާތްތަކަށް ފުރުސަތު އޮންނާނެ ކަމަށްވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ