Last Updated: March 29, 06:12
Friday, March 29, 2024
ޚަބަރު

ހަތަރު ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަނީ

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ / ޖޭއެސްސީ

ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައި ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ މައްސަލަ ބެލުމާއި މެދު ގޮތް ނިންމާ ކޮމިޓީން ބެލުމަށްފަހު ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމަށް 31 މައްސަލައެއް ތާވަލު ކުރެވުނު ކަމަށެވެ. އަދި އެ ކޮމިޓީގެ ނިންމުމާ އެއްގޮތަށް ފަސް މައްސަލައެއް ކޮމިޝަނުން ބަލަން މިއަދުގެ ބައްދަލުވުމުގައި ނިންމި ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

އެގޮތުން ޖޭއެސްސީން ބަލަން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބުގެ މައްސަލަ އަކާއި ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހިމްގެ މައްސަލައަކާއި ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފުގެ ދެ މައްސަލައެއްގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒު ރަޝާދުގެ ސުލޫކީ މައްސަލައެއް ކަމަށް ޖޭއެސްސީން ބުނެއެވެ.

ނަމަވެސް މި ފަރާތްތަކާ ގުޅޭގޮތުން ބަލަމުންދާ ސުލޫކީ މައްސަލަތަކުގެ ތަފްސީލެއް ޖޭއެސްސީން ނުދެއްވައެވެ.

މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ޖޭއެސްސީން އަންނަނީ ފަނޑިޔާރުންނާ ގުޅޭ ތަފާތު އެކި މައްސަލަތައް ބަލަމުންނެވެ.