Last Updated: March 28, 21:27
Thursday, March 28, 2024
ޚަބަރު

2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގެންފައިވަނީ އިއްޔެ ބަންގްލަދޭޝްއިން ރާއްޖެ އައި އުމުރުން 36 އަހަރުގެ ފިރިހެނެއްގެ އަތުން ކަމަށެވެ.

މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ އަމަލުތައް ހުރިގޮތުން ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖް ތެރެއިން ކަމަށާއި މި ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ކަސްޓަމުން ބުނެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 3.69 ކިލޯ ހުރިއިރު މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 2.9 މިލިއަން ރުފިޔާ އަށް އަރާކަމަށްވެސް ކަސްޓަމުން ބުނެއެވެ.

ކަސްޓަމްސް އިން ވަނީ މި މައްސަލާގައި ޝާމިލުވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައެވެ. ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.