Last Updated: March 28, 21:55
Thursday, March 28, 2024
ދުނިޔެ

ލަންކާގެ ރިޔާސީ އިންތިހާބު ނޮވެމްބަރު 16 ގައި

ލަންކާގެ މިހާރުގެ ރައީސް މައިތިރިޕައްލާ ސިރިސޭނާ

ސްރީލަންކާގެ ރިޔާސީ އިންތިހާބު މިއަހަރުގެ ނޮވެމްބަރު މަހުގެ 16 ގައި ބޭއްވުމަށް ނިންމައިފިއެވެ.

ލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމުތައް ބަލައިގަންނާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އިންތިހާބު ބާއްވާ ތާރީހު އިއުލާންކޮށްފައިވާއިރު މިހާތަނަށް އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ އެންމެ ފަރާތަކުންނެވެ. އެއީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޮތަބަޔަ ރާޖަޕަކްސައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން މި އިންތިހާބަކީ ރާޖަޕަކްސަ އާއިލާގެ ސިޔާސީ ކުރިމަގު ބައްޓަން ވެގެންދާނެ ގޮތް އެނގިގެންދާނެ އިންތިހާބެކެވެ.

މީގެއިތުރުން ލަންކާގެ މިހާރުގެ ރައީސް މައިތިރިޕައްލާ ސިރިސޭނާ އާއި މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ވެސް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ. އެ ދެ ބޭފުޅުންނަކީ ދެ ޕާޓީ އަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންނެވެ.

މިއީ ލަންކާގައި ބާއްވާ އަށްވަނަ ރިޔާސީ އިންތިހާބެވެ. އެންމެފަހުން އެގައުމުގެ ރިޔާސީ އިންތިހާބު ބޭއްވީ 2015 ވަނަ އަހަރުއެވެ.