Last Updated: April 25, 11:51
Thursday, April 25, 2024
ދުނިޔެ

ޕާކިސްތާނަށް ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް

ޕާކިސްތާނުގެ އުތުރުގެ ސަރަހައްދުތަކަށް 5.8 ގެ ބާރުމިނުގައި އައި ބިންހެލުމެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ޕާކިސްތާނުގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ހިސާބުތަކުގެ ތެރޭގައި މިރްޕޫރް އާއި ކަޝްމީރު ހިމެނެއެވެ.

އެގޮތުން ބިންހެލުމާ ގުޅިގެން މިރްޕޫރް އާއި އެހެނިހެން ސަރަހައްދުތަކުން 100 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު ހަ މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުން މިރްޕޫރްގެ މަގުތަކާއި ބައެއް ގެތަކަށް ވެސް ގެއްލުންވެފައިވާއިރު ހޮސްޕިޓަލަތައް މިވަގުތު ހުރީ އިމެޖެންސީ ހާލަތުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް މިވަގުތު ރެސްކިއު ޓީމުތަކުން އެ ސަރަހައްދުތަކަށް ދިޔުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޕާކިސްތާނުގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނިގޮތުގައި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ވެސް ކޮންމެވެސް ވަރަކަށް އިތުރު ބިންހެލުންތަކެއްގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އަދި ގެއްލުން ވީހާވެސް ކުޑަކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.