Last Updated: April 24, 12:56
Wednesday, April 24, 2024
ދުނިޔެ

ޖަޕާނަށް އެރި ތޫފާނުގައި މަރުވި މީހުންގެ އަދަދު 33 އަށް

ޖަޕާނަށް އެރި ތޫފާނުގައި މަރުވި މީހުންގެ އަދަދު 33 އަށް އަރައިފިއެވެ.

"ހަގިބިސް" ގެ ނަމުން ނަންދީފައިވާ މި ތޫފާނާ ގުޅިގެން 19 މީހަކު ވީނުވީއެއް ނޭނގި ގެއްލި 177 މީހަކަށް އެކިވަރުގެ ޒަހަމްތައް ވެފައިވާ ކަމަށްވެސް ޖަޕާނުގެ ހަބަރު ފަތުރާ އެޖެންސީތަކުން ބުނެއެވެ.

މި ތޫފާން އެންމެ ފުރަތަމަ އަރާފައިވަނީ ޖަޕާނުގެ ޖަޒީރާ ރަށެއް ކަމަށްވާ ހޮންޝޫ އަށް ކަމަށްވާއިރު، އޭގެ އިރުކޮޅެއްފަހުން ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އަށް 5.7 ގެ ބާރުމިނުގައި ބިންހެލުމެއް ވެސް އައިސްފައިވެއެވެ. މި ތޫފާނާ ގުޅިގެން ޓޯކިޔޯ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާއިރު އެ ސިޓީގެ 80،000 މީހުން ނިދާފައިވަނީ ވަގުތީ ހިޔާތަކުގައެވެ.

މި ތޫފާނުގައި ވައިޖެހެމުން އަންނަނީ ގަޑިއަކު 216 މޭލު ބާރުމިނުގައި ކަމަށްވާއިރު، ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޖަޕާނުގެ މެދުތެރޭގައި އޮންނަ ނަގާނޯ ސިޓީ އަށެވެ. އެގޮތުން ބިންގަނޑު ކަނޑައިގެން ގޮސް ރެކޯޑު މިންވަރަކަށް އެ ސިޓީގައި ފެންބޮޑުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ތޫފާނާ ގުޅިގެން ޖަޕާނަށް ދަތުރުކުރަން ހަމަޖެހިފައި އޮތް 800 ފްލައިޓް ކެންސަލް ކޮށްފައިވާއިރު ޓޯކިޔޯގެ ރޭލު ދަތުރުގެ ހިދުމަތް މިއަދު ވެސް އޮތީ ސަސްޕެންޑްކޮށްފައެވެ.