Last Updated: April 25, 09:40
Thursday, April 25, 2024
ދުނިޔެ

ތުއްތު ކުއްޖަކު ދިރިއޮއްވާ ވަޅުލާފައި ވަނިކޮށް ސަލާމަތްކޮށްފި

އިންޑިއާގެ އުތުރުގެ ހިސާބެއްގައި ތުއްތު ކުއްޖަކު ދިރިއޮއްވާ ވަޅުލާފައި ވަނިކޮށް ސަލާމަތްކޮށްފިއެވެ.

އުއްތަރަ ޕްރަދޭޝްގެ ބަރޭލީ ޑިސްޓްރިކްޓުގެ ގަބުރުސްތާނަކުން އުމުރުން ހަތަރު ދުވަހުގެ ކުއްޖާ ފެނުނީ ދުވަސް ނުފުރާ ވިހެއުމުން މަރުވި ކުއްޖެއް ވަޅުލާން ދިޔަ ދެމަފިރިންނަށެވެ.

ބަރޭލީ ޑިސްޓްރިކްޓުގެ ފުލުސް އޮފިސަރެއް ކަމަށްވާ އަބިނަންދަން ސިންހު "ސީއެންއެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ދެމަފިރިންގެ ދަރިފުޅު ވަޅުލާން ގަބުރުސްތާނު ކޮންނަމުން ދަނިކޮށް ކުއްޖަކު ރޯއަޑު އިވިނު ކަމަށާއި އެމީހުންނަށް އެ ކުއްޖާ ފެނުނީ ގާތްގަނޑަކަށް ތިން ފޫޓު އަޑިން ކަމަށެވެ.

އަދި އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނީ ގަބުރުސްތާނުގެ ސެކިއުރިޓީ ގާޑެއް ކަމަށްވާއިރު، އޭނާ ވަނީ ކައިރި ހޮސްޕިޓަލަކަށް އެ ކުއްޖާ ވަގުތުން ގެންގޮސްފައެވެ.

"އެ ކުއްޖާ އަށް ކޮންމެވެސް ކަހަލަ އިންފެކްޝަނެއްގެ އަސަރުކޮށްފައި ހުރީ. އެ ކުއްޖާގެ ބަރުދަނުގައި ހުރީ 1.5 ކިލޯގްރާމް" އެ ކުއްޖާ ބެލި ނަރުހަކު ސީއެންއެންއާ ވާހަކަދައްކަމުން ބުންޏެވެ.

އެ ކުއްޖާ އަށް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު، ސިންހު ވިދާޅުވީ އެ ގަބުރުސްތާނު ހުރި ސަރަހައްދަކީ މީހުން މަދު ހިސާބެއް ކަމަށާއި އެ ކުއްޖާ ސަލާމަތްކޮށްފައިވަނީ ވަޅުލިތާ ގާތްގަނޑަކަށް ހަތަރެއް ނުވަތަ ހަ ހަޑިއިރުފަހުން ކަމަށެވެ.

އެ ކުއްޖާގެ މައިންބަފައިން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެމީހުންގެ މައްޗަށް މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާ އާއި ކުއްޖާ އަށް އިހުމާލުވި ކަމުގެ ދައުވާ އުފުލޭނެ ކަމަށްވެސް ސިންހު ވިދާޅުވިއެވެ.