Last Updated: April 20, 18:15
Saturday, April 20, 2024
ޚަބަރު

އެމްޑީއެން އުވާލުމަށް ސަރުކާރު ވަނީ ނުކުޅެދިފައި: ސައީދު

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓު ނެރުނު މައްސަލާގައި އެ ޖަމިއްޔާ އުވާލުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

2015 ވަނަ އަހަރު ނެރުނު އެ ރިޕޯޓާ ގުޅިގެން އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާއިރު، އެ ރިޕޯޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ބޮޑުވެފައިވާއިރު އިސްލާމްދީނަށް ގޮންޖަހައި ކީރިތި ރަސޫލާ އަށް މަލާމާތް ކުރަން ސަރުކާރުން ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ވިދާޅުވެފައެވެ.

ރައީސްގެ އެ ވާހަކަތަކާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލައަކީ ހަމައެކަނި ބުނެލާ ވާހަކައަކުން ފުއްދާލެވޭ ވަރަށް ވުރެ މުހިއްމު މައްސަލައެއް ކަމަށެވެ.

"އެމްޑީއެން އުވާލުމަށް ސަރުކާރު ވަނީ ނުކުޅެދިފައި" ސައީދު ވިދާޅުވިއެވެ.

އިސްލާމްދީނާ ހިލާފު ވާހަކަތަކެއް އެކުލެވޭ ރިޕޯޓެއް ނެރުމުން ސޯޝަލް މީޑިޔާގައި އެމްޑީއެން އަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއާއެކު އެ ޖަމިއްޔާ އިން ވަނީ އެކަމަށް މައާފަށް އެދި ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

އެމްޑީއެން އުވާލުމަށް ދީނީ އިލްމުވެރިން ވެސް ސަރުކާރަށް ގޮވާލަމުންދާއިރު، އެމްޑީއެންގެ ރިޕޯޓު ރައީސް ސޯލިހު ވެސް ދާދިފަހުން ވަނީ ކުށްވެރި ކުރައްވާފައެވެ.