Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ޖުޑިޝަރީ "ކެނެރީގޭ" ތެރެއަށް ދާން ދޫކޮށެއް ނުލާނަން: އިދިކޮޅު

ރާއްޖޭގެ ޖުޑިޝަރީ "ކެނެރީގޭ" ތެރެއަށް ދާން ދޫކޮށް ނުލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

އިދިކޮޅުން މިހެން ބުނެފައިވާއިރު ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް ނިންމުންތަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހާޒިރުވާން އެންގި އެންގުމަށް ތަބާނުވެ ބަޔާނެއް ނެރުނު މައްސަލާގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ވަނީ ބަލަން ނިންމާފައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ 2009 ވަނަ އަހަރުވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީން ޖުޑީޝަރީ އިސްލާހު ކުރުމުގެ ނަމުގައި ޖުޑީޝަރީ އަށް ނުފޫޒު ފޯރުވައި އެ ފަރާތްތަކުން ބޭނުންވާ ގޮތަށް އެ މުއައްސަސާއިން ނިންމުންތައް ނިންމުމަށް މަސައްކަތް ކުރި ކަމަށެވެ.

ނަމަވެސް އެފަހަރު އެ މަސައްކަތް ކާމިޔާބުނުވެ އެމަނިކުފާނަށް ވަރަށް ހިތި ނަތީޖާއަކާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ކަމަށާއި އެމްޑީޕީގެ ސަރުކާރުން އަނެއްކާވެސް ކުރަމުންދަނީ އެ ކަންކަން ކަމަށް މުންދު ވިދާޅުވިއެވެ. އަދި މިއަދު މަސައްކަތް ކުރަމުންދަނީ އިސްލާމީ އަސްލުތަކުގެ އުސޫލުތައް ނައްތާލާ ހުޅަނގުގެ އުސޫލުތަކެއް އަށަގެންނެވުމަށް ކަމަށްވެސް މުންދު ތުހުމަތު ކުރެއްވިއެވެ.

"ރާއްޖޭގެ މުސްތަގިއްލު ކަމަށް ބުރުއަރުވަން މިހެން ނަޝީދާއި އެމްޑީޕީން ކުރާ ހަމަ ކޮންމެ މަސައްކަތެއްގައި ފާރައެއްގެ ގޮތުގައި އަޅުގަނޑުމެން ރައްޔިތުންގެ ފަރާތުގައި ހުއްޓިގެން ތިބޭނަން. އެކަން ވަރަށް ރަނގަޅަށް ދަންނަން ވާނެ. ރާއްޖޭގެ ޖުޑީޝަރީއެއް އަޅުގަނޑުމެންނެއް ދުލެއް ނުކޮށްލާނަން ކެނެރީގޭ ތެރެއަށް ދާކަށް" މުންދު ވިދާޅުވިއެވެ.

ކެނެރީގެއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅެވެ.

މީގެއިތުރުން ރާއްޖޭގެ ޖުޑިޝަރީ އަކީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ކައިރީގައި އުޅުއްވާ ފަރާތްތަކުގެ ޣަނީމާ މުދަލަކަށް ހެދިޔަ ނުދެއްވާނެ ކަމަށާއި ރައްޔިތުންގެ ފަރާތުން އެކަމާ ދެކޮޅަށް ތެދުވެ ތިބޭނެ ކަމަށްވެސް މުންދު ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން ކުރާ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ކަމަށްވެސް މުންދު ވިދާޅުވިއެވެ.