Last Updated: April 18, 03:29
Thursday, April 18, 2024
ޚަބަރު

ޖުޑިޝަރީ އަކީ ޔާމީން އާއި ގާސިމްގެ ތަރިކަ މުދަލެއް ނޫން: ނިހާދު

ރާއްޖޭގެ ޖުޑިޝަރީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތަރިކަ މުދަލެއް ނޫން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެމްބަރު ނިހާދު މިއަދު ކުރެއްވި މިހެން ވިދާޅުވިއިރު އޭނާ ވަނީ ރައްޔިތުން އެދޭ ގޮތަށް އެމްޑީޕީން ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެމްޑީޕީން ހުކުމް ލިޔެފައި ކޯޓުގެ ފަނޑިޔާރުންނަށް ނުދޭނެ ކަމަށާއި ދޫވެހި އާއި ކުނޫޒުން އެކަން ކުރިޔަސް އެއީ އެމްޑީޕީން ކުރާނެ ކަމެއް ނޫން ކަމަށްވެސް ނިހާދު ވިދާޅުވިއެވެ.

 

ނިހާދު ވިދާޅުވެފައިވާއިރު ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް ނިންމުންތަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހާޒިރުވާން އެންގި އެންގުމަށް ތަބާނުވެ ބަޔާނެއް ނެރުނު މައްސަލާގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ވަނީ ބަލަން ނިންމާފައެވެ.

އެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން އުއްތަމަ ފަނޑިޔާރާ އެއްކޮޅަށް އަރާފައިވާއިރު، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވަނީ ޖުޑީޝަރީ އިސްލާހު ކުރުމުގެ ނަމުގައި ޖުޑީޝަރީ އަށް ނުފޫޒު ފޯރުވައި އެ ފަރާތްތަކުން ބޭނުންވާ ގޮތަށް އެ މުއައްސަސާއިން ނިންމުންތައް ނިންމުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

"ރާއްޖޭގެ މުސްތަގިއްލު ކަމަށް ބުރުއަރުވަން މިހެން ނަޝީދާއި އެމްޑީޕީން ކުރާ ހަމަ ކޮންމެ މަސައްކަތެއްގައި ފާރައެއްގެ ގޮތުގައި އަޅުގަނޑުމެން ރައްޔިތުންގެ ފަރާތުގައި ހުއްޓިގެން ތިބޭނަން. އެކަން ވަރަށް ރަނގަޅަށް ދަންނަން ވާނެ. ރާއްޖޭގެ ޖުޑީޝަރީއެއް އަޅުގަނޑުމެންނެއް ދުލެއް ނުކޮށްލާނަން ކެނެރީގޭ ތެރެއަށް ދާކަށް" މުންދު ވިދާޅުވިއެވެ.