Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ރައީސް ނަޝީދަށް އަދަބު ދިނުމަށް ސަލަފް އިން އެދިއްޖެ

އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓު ދިފާއުކޮށް ވާހަކަދައްކަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ޖަމިއްޔަތުއްސަލަފް އިން އިސްލާމިކް މިނިސްޓްރީއަށް މައްސަލަ ހުށައަޅައިފިއެވެ.

ސަލަފް ޖަމިއްޔާ އިން އިސްލާމިކް މިނިސްޓަރަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އެމްޑީއެންގެ ރިޕޯޓު ރައީސް ނަޝީދު ތަފާތު އެކި މަގާމުތަކުގައި އަނބުރާހޭރިޔާކޮށްގެން، ހީލަތްތެރި މަކަރުވެރި އަންދާޒާއެއްގައި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ އާދައިގެ ކަމެއް ކަމުގައި ދައްކަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ރައީސް ނަޝީދު ދިވެހި އިސްލާމީ މުޖުތަމައުގެ ހަމަޖެހުން ހުރިހާ ގޮތަކުން ގެއްލިގެންދާފަދައިން ވާހަކަދައްކަވަމުންދާތީ އެކަން ހުއްޓުވައި ދެއްވައި، ދިވެރި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމުގެ ކުށަށް ގާނޫނީ ގޮތުން ދެވެންޖެހޭ ހައްގު އަދަބު ދެއްވުމަށް ވެސް އެ ސިޓީގައި ވަނީ އެދިފައެވެ.

"ގާނޫނުގެ ކުރިމަތީގައި ވަކި ރައްޔިތަކަށް ވަކި ގޮތެއް ހެދުމީ އަނިޔާވެރިކަމެވެ" އެ ސިޓީގައި ބުނެފައިވެއެވެ.

ސަލަފް ޖަމިއްޔާ އިން މިފަދަ ސިޓީއެއް އިސްލާމިކް މިނިސްޓަރަށް ފޮނުވާފައިވާއިރު މީގެކުރިން ރައީސް ނަޝީދު ވަނީ އެމްޑީއެންގެ ރިޕޯޓުގައި ނުރަނގަޅު ކަންކަން ހުރިކަން ފާހަގަކުރައްވާ އެ ޖަމިއްޔާއާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވެފައެވެ.