Last Updated: April 19, 13:47
Friday, April 19, 2024
ކުޅިވަރު

އެލް ކްލެސިކޯ މެޗު ފަސްކޮށްފި

އަންނަ ހަފްތާގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ "އެލް ކްލެސިކޯ" މެޗު ފަސްކުރަން ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ މުބާރާތުގެ ކޮމިޓީން ނިންމައިފިއެވެ.

އަންނަ ހަފްތާގައި އެލް ކްލެސިކޯ މެޗު ކުޅެން ހަމަޖެހިފައި އޮތީ ބާސާގެ ދަނޑުގައި ކަމަށްވާއިރު އެ ކޮމިޓީން އެލް ކްލެސިކޯ މެޗު ފަސްކޮށްފައިވަނީ ބާސެލޯނާ ސަރަހައްދުގައި މި ދުވަސްވަރު ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެންނެވެ. މި މުޒާހަރާތައް ފެށުނީ ބާސެލޯނާ ހިމެނޭ ކެޓަލޫނިއާ ސަރަހައްދުގެ ނުވަ ލީޑަރުން ހައްޔަރުކުރުމާ ގުޅިގެންނެވެ.

ސީޒަނުގެ ފުރަތަމަ ކްލެސިކޯ މެޗު ފަސްކޮށްފައިވާއިރު އެ ކޮމިޓީން ވަނީ ދެން މި މެޗު ކުޅޭނެ ތާރީހެއް މި މަހުގެ 21 ގެ ކުރިން ކަނޑައެޅުމަށް ދެ ކްލަބަށް ވެސް އަންގާފައެވެ. އެ މުއްދަތުގައި ތާރީހެއް ދެ ކްލަބަށް ކަނޑަނޭޅިއްޖެނަމަ އެ ކޮމިޓީން ތާރީހެއް ކަނޑައަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މެޗު ފަސްކުރުމުގެ ކުރިން އެހެން ދަނޑެއްގައި މި މެޗު ކުޅުމުގެ ހިޔާލެއް ވެސް ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ މުބާރާތުގެ ކޮމިޓީން ގެންގުޅުނެވެ. ނަމަވެސް ދެ ކްލަބުގެ އެއްބާރުލުން ވެސް ނުލިބުމުން އެކަން ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

ސްޕެނިޝް ލީގުގައި 8 މެޗު ކުޅެ ނިމިފައިވާއިރު 18 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި ރެއާލް މެޑްރިޑެވެ. 16 ޕޮއިންޓާ އެކު ދެވަނައިގައި އޮތީ ބާސާއެވެ.