Last Updated: April 20, 07:18
Saturday, April 20, 2024
ދުނިޔެ

މުޒާހަރާތަކާ ގުޅިގެން ލުބްނާންގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ލުބްނާންގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ސާދް ހަރީރީ އިސްތިއުފާ ދެއްވައިފިއެވެ.

ލުބުނާންގައި މުޒާހަރާތައް ފެށުނީ ވަޓްސްއެޕުން އޮންލައިންކޮށް ކުރާ ކޯލުތަކުން ޓެކްސް ނަގަން ސަރުކާރުން ނިންމި ހިސާބުންނެވެ. ނަމަވެސް ފަހުން އެ ނިންމުން ސަރުކާރުން އަނބުރާ ގެންގޮސްފައިވާއިރު މުޒާހަރާތަކުގެ އަމާޒު ފަހުން އެގައުމުގައި ހިނގަމުންދާ ކޮރަޕްޝަންގެ އަމަލުތަކާއި އިގްތިސާދީ މައްސަލަތަކަށް ބަދަލުކޮށްފައެވެ.

މުޒާހަރާތައް ކުރަމުން އަންނަތާ 13 ދުވަސްވެފައިވާއިރު މިއަދު ގައުމާ މުހާތަބު ކުރައްވަމުން ބޮޑުވަޒީރު ހަރީރީ ވަނީ އޭނާ އާއި އޭނާގެ ސަރުކާރު އިސްތިއުފާ ދޭން ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ.

"އިސްތިއުފާގެ ސިޓީ ރައީސް އަށް ހުށަހެޅުމަށް މިހާރު މިދަނީ، ރައީސްގެ ގަނޑުވަރަށް. މިއީ ބަދަލަކަށް އެދި ގޮވާލި ގިނަ އަދަދެއްގެ ލުބްނާންގެ ރައްޔިތުންގެ އެދުމުގެ މަތިން ނިންމި ނިންމުމެއް" ހަރީރީ ވިދާޅުވިއެވެ.

ފާއިތުވި 13 ދުވަހު ރައްޔިތުންގެ އަޑު އަހައިގެން މިހާރު ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދަން މަސައްކަތް ކުރެއްވިކަން ހާމަކުރައްވަމުން ހަރީރީ ވަނީ ގައުމަށް ވުރެ އެއްވެސް މީހަކު ބޮޑު ނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މަގާމުން އިސްތިއުފާ ދޭން ނިންމެވިކަން ހަރީރީ އިއުލާން ކުރެއްވުމާއެކު މުޒާހަރާ ކުރަމުންދިޔަ ރައްޔިތުން އަންނަނީ އުފާފާޅުކުރަމުންނެވެ.

ދެ ހަފްތާ ވަންދެން ކުރަމުންދިޔަ މުޒާހަރާތަކާ ގުޅިގެން ލުބްނާންގެ ބޭންކުތަކާއި ސްކޫލް އަދި ބައެއް ވިޔަފާރިތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.