Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ސިބްކޯގެ ފިހާރައެއް އައްޑޫގައި ހުޅުވައިފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިމްޕޯޓް މުދާ ވިއްކާ ކުންފުންޏެއް ކަމަށްވާ ސިބްކޯ އިން އައްޑޫ ސިޓީ މަރަދޫގައި އެކުންފުނީގެ ހޯލް ސޭލް އަދި ރީޓެއިލް ފިހާރައެއް މިއަދު ހުޅުވައިފިއެވެ.

މިއީ މާލޭގެ އިތުރުން އެހެން ރަށެއްގައި އެ ކުންފުނިން ހުޅުވި ދެވަނަ ފިހާރަ އެވެ.

މިއަދު ހެނދުނު މަރަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުވައިދެއްވީ މަރަދޫ ކައުންސިލަރު އިބްރާހިމް ފައިސަލް އާއި ސިބްކޯގެ ޑިރެކްޓަރު އަހުމަދު މުއުތަސިމެވެ.

އައްޑޫގައި ސިބްކޯ އިން ހުޅުވި އެ ކުންފުނީގެ ފިހާރަ ހުންނާނީ މަރަދޫ ކީރަންމާގޯޅި އާއި އަތިރޭގެ މަގާ ދޭތެރޭ ލިންކް ރޯޑުގައެވެ. މި ފިހާރަ ހުޅުވާފައި ހުންނާނީ މާލެއެކޭ އެއްގޮތަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު ހަޔެކާ ހަމައަށެވެ.

މި ރަސްމިއްޔާތަށްފަހު ސިބްކޯގެ މެނޭޖަރު މާކެޓިންގް އެންޑް ކޮމިއުނިކޭޝަންސް އަހްމަދު ހާނީ ނައީމް ވިދާޅުވީ އައްޑޫގައި ހުޅުވި ފިހާރައިން ވެސް މާލޭގައި އެ ކުންފުނިން ވިއްކާ ހުރިހާ ބްރޭންޑެއްގެ މުދާ މާލެއެކޭ އެއް އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ.

އަދި ސިބްކޯގެ ފިހާރައެއް އައްޑޫގައި ހުޅުވުމުގެ މަގުސަދަކީ އައްޑޫގައި ހުންނަ ވިޔަފާރިތަކަށާއި ރިޒޯޓު އަދި ގެސްޓުހައުސްތަކަށާއި ކެފޭ ރެސްޓޯރެންޓުތަކުގެ އިތުރުން އައްޑޫ ރައްޔިތުންނަށް ސިބްކޯ އިން ރާއްޖެ ގެންނަ މުދާ އެއް ފުރާޅެއްގެ ދަށުން ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށްވެސް ހާނީ ވިދާޅުވިއެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި ސިބްކޯ އިން ވަނީ އެ ކުންފުނިން އަލަށް އެތެރެކޮށްގެން ވިއްކަމުން އަންނަ "ވޮންޑާ ކޮފީ" އައްޑޫ އަށް ތައާރަފުކޮށްފަ އެވެ. ވޮންޑާ ކޮފީ އަކީ ޖަޕާނުގެ އުފެއްދުމެކެވެ.

ސިބްކޯ އިން ގެންނަ މުދާ މުޅި ރާއްޖެ އަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާއިރު މިއަހަރު އޮގަސްޓު މަހު ސިބްކޯގެ އައުޓްލެޓެއް ފުވައްމުލަކުގައި ދާދިފަހުން ވަނީ ހުޅުވާފައެވެ.