Last Updated: April 20, 11:49
Saturday, April 20, 2024
ކުޅިވަރު

ސިޓީ ބަލިކޮށް ލިވަޕޫލަށް 8 ޕޮއިންޓުގެ ލީޑެއް

3-1 އިން މެންޗެސްޓަރ ސިޓީ ބަލިކުރުމަށްފަހު ޕްރިމިއާ ލީގުގެ އެއްވަނައިގައި ލިވަޕޫލުން 8 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 34 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ލެސްޓާ ސިޓީ އަދި ތިންވަނައިގައި އޮތް ޗެލްސީ އަށް 26 ޕޮއިންޓު ލިބިފައިވާއިރު 25 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައި އޮތީ މެންޗެސްޓަރ ސިޓީއެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަވަނަ މިނެޓްގައި ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ފަބީނިއޯ ކަމަށްވާއިރު އޭނާ މި ގޯލު ކާމިޔާބުކުރީ ދުރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އަދި މެޗުގެ 13 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ނަތީޖާގެ ފަރަގު ކުޑަކޮށްލަން ސިޓީގެ ރަހީމް ސްޓާލިން އާއި ސާޖިއޯ އަގުއެރޯ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއިރު ދެވަނަ ހާފްގެ ކުރީކޮޅު ސަޑިއޯ މާނޭ ވަނީ ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ސިޓީ އަށް މި މެޗުގެ ހަމައެކަނި ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަނާޑޯ ސިލްވާއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލުން 8 ޕޮއިންޓުގެ ލީޑެއް ނެގިއިރު ލީގުގައި އެޓީމު އަދި އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.