Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ފިލިޕީންސް މެޗުގެ ޓިކެޓު ވިއްކަން ފަށައިފި

ގައުމީ ޓީމުގެ ކުޅުންތެރިން - ފޮޓޯ: ޕީއެސްއެމް

ވޯލްޑް ކޮޕް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އާއި ފިލިޕީންސް ކުޅޭ މެޗުގެ ޓިކެޓު މިއަދު ހަވީރު ވިއްކަން ފަށައިފިއެވެ.

ގަލޮޅު ދަނޑުގައި ބަންދުކޮށްފައިވާ ސަރަހައްދުގެ ސިޑިބަރިތައް ބޭނުން ކުރެވެން ނެތުމުން މި މެޗަށް ވެސް ވިއްކުމަށް ހަމަޖެހިފައިވަނީ 3000 ޓިކެޓެވެ. މީގެތެރެއިން ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކާނީ 2550 ޓިކެޓެވެ. ބާކީ ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ ފިލިޕީންސްގެ ސަޕޯޓަރުންނަށެވެ.

ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 100 އާއި 150 ރުފިޔާ އަށެވެ. ކޮންމެ މީހަކަށް އެންމެ ގިނަވެގެން ގަނެވޭނީ ތިން ޓިކެޓެވެ. ޓިކެޓު ވިއްކުން މިއަދު ހަވީރު ޓާފް ދަނޑުގައި ފެށިއިރު މާދަމާ ހަވީރު 16:00 އިން ފެށިގެން ގަލޮޅު ދަނޑުން ވެސް ޓިކެޓު ލިބެން ހުންނާނެއެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު ގުއާމް އަތުން ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. އަދި ދެވަނަ މެޗްގައި 5-0 ގެ ނަތީޖާއަކުން ޗައިނާ އަތުން ބަލިވެފައިވާއިރު ތިންވަނަ މެޗްގައި ސީރިއާ އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރާއްޖެ އޮތީ ގްރޫޕްގެ ހަތަރުވަނައިގައެވެ. މި ގްރޫޕްގެ އެއްވަނައިގައި 9 ޕޮއިންޓާ އެކު އޮތީ ސީރިޔާއެވެ.