Last Updated: April 23, 15:56
Tuesday, April 23, 2024
ކުޅިވަރު

ގައުމީ ޓީމުގެ ޖޯޒީއެއް ރައީސަށް ހަދިޔާ ކުރައްވައިފި

ވޯލްޑް ކޮޕް ކޮލިފައިންގައި މާދަމާ ހަވީރު ރާއްޖެ އާއި ފިލިޕީންސް ކުޅޭ މެޗުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގައުމީ ޓީމުގެ ޖޯޒީއެއް ހަދިޔާކުރައްވައިފިއެވެ.

ގައުމީ ޓީމުގެ ޖޯޒީ އާއި މި މެޗަށް ހާއްސަކޮށްގެން ނެރުނު ހާއްސަ ސަޕްލިމެންޓް ރައީސް ސޯލިހަށް ހަދިޔާ ކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވެސް މިއަދު ވަނީ ގައުމީ ޓީމުގެ ޖޯޒީއެއް ހަދިޔާކުރައްވާފައެވެ.

ގަލޮޅު ދަނޑުގައި ބަންދުކޮށްފައިވާ ސަރަހައްދުގެ ސިޑިބަރިތައް ބޭނުން ކުރެވެން ނެތުމުން މާދަމާގެ މެޗަށް ވެސް ވިއްކުމަށް ހަމަޖެހިފައިވަނީ 3000 ޓިކެޓެވެ. މީގެތެރެއިން ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކާނީ 2550 ޓިކެޓެވެ. ބާކީ ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ ފިލިޕީންސްގެ ސަޕޯޓަރުންނަށެވެ.

ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 100 އާއި 150 ރުފިޔާ އަށެވެ. ކޮންމެ މީހަކަށް އެންމެ ގިނަވެގެން ގަނެވޭނީ ތިން ޓިކެޓެވެ. ޓިކެޓު ވިއްކުން އިއްޔެ ހަވީރު ޓާފް ދަނޑުގައި ފެށިއިރު މާދަމާ ހަވީރު 16:00 އިން ފެށިގެން ގަލޮޅު ދަނޑުން ވެސް ޓިކެޓު ލިބެން ހުންނާނެއެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު ގުއާމް އަތުން ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. އަދި ދެވަނަ މެޗްގައި 5-0 ގެ ނަތީޖާއަކުން ޗައިނާ އަތުން ބަލިވެފައިވާއިރު ތިންވަނަ މެޗްގައި ސީރިއާ އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.