Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ވިޔާ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

ޖަޕާނުގެ ވިސެލް ކޯބަށް ކުޅެމުން އަންނަ ސްޕެއިނުގެ ތަޖުރިބާކާރު ފޯވާޑް ޑޭވިޑް ވިޔާ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

އުމުރުން 37 އަހަރުގެ ވިޔާ ކުރި ޓްވީޓެއްގައި ބުނީ މި ސީޒަނަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އަދި ފުޓްބޯޅަ ކުޅުން ހުއްޓާލި ނަމަވެސް އެހެން ގޮތްގޮތުން ވެސް ފުޓްބޯޅައިގައި ޝާމިލުވެ އެ ކުޅިވަރަށް ހިދުމަތްކޮށްދޭނެ ކަމަށް ވިޔާ ބުންޏެވެ.

19 އަހަރަށްފަހު ވިޔާ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމިއިރު އޭނާ ވަނީ ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް އަދި އެމެރިކާ ލީގުގެ ކްލަބެއް ކަމަށްވާ ނިއުޔޯކް ސިޓީ އެފްސީ އަށް ވެސް ކުޅެފައެވެ.

ދެ ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގެއް ބާސާ އާއެކު ކާމިޔާބުކޮށްފައިވާ ވިޔާ ވަނީ ސްޕެއިންގެ ގައުމީ ޓީމާއެކު 2008 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް އަދި 2010 ވަނަ އަހަރު ވޯލްޑް ކަޕެއް ވެސް ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން ވިޔާ އަކީ ސްޕެއިންގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވެސް މެއެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް 59 ލަނޑު ކާމިޔާބުކޮށްދީފައެވެ.