Last Updated: April 23, 14:49
Tuesday, April 23, 2024
ކުޅިވަރު

ފީފާގެ އިސް މަގާމެއް ވެންގާ އަށް

ފީފާގެ ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ ހެޑްގެ މަގާމަށް އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ހަމަޖައްސައިފިއެވެ.

އުމުރުން 70 އަހަރުގެ ވެންގާ އެ މަގާމަށް ހަމަޖައްސާފައިވަނީ ޖަރުމަނުގެ ބަޔާން މިއުނިކުގެ ކޯޗުކަމާ އޭނާ ހަވާލުވާން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

މި މަގާމުގައި ހުރެ އަންހެން އަދި ފިރިހެން ފުޓްބޯޅަ ތަރައްގީ ކުރުމުގެ އިތުރުން ޓެކްނިކަލް ބައެއް މަސައްކަތްތައް ވެސް ވެންގާ ކުރުމަށް ހަމަޖެހިފައިވެއެވެ.

މި މަގާމާއެކު ވެންގާ އިތުރު ދެ ރޯލެއް ވެސް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ އެއީ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑްގެ މެމްބަރުކަމާއި ފީފާ ޓެކްނިކަލް ސްޓަޑީ ގްރޫޕްގެ ޗެއާމަންގެ މަގާމެވެ.

2018 ވަނަ އަހަރުގެ މޭއި މަހު އާސެނަލްގެ ކޯޗު ކަމުގެ މަގާމުން ވެންގާ ދުރަށް ގޮސްފައިވާއިރު، އޭރުން ފެށިގެން އޭނާ ހުރީ ފުޓްބޯޅައާ ދުރުގައެވެ.

އާސެނަލްގައި ހޭދަކުރި 22 އަހަރުތެރޭ ވެންގާ ވަނީ އެ ކްލަބަށް ޕްރިމިއާ ލީގު ތިން ފަހަރު އަދި އެފްއޭކަޕް ހަތް ފަހަރު ކާމިޔާބުކޮށްދީފައެވެ.