Last Updated: April 19, 17:23
Friday, April 19, 2024
ކުޅިވަރު

ފިލިޕީންސް އަތުން ރާއްޖެ ބަލިވެއްޖެ

ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ހަވީރު ފިލިޕީންސް އަތުން 2-1 އިން ރާއްޖެ ބަލިވެއްޖެއެވެ.

މިއީ ކޮލިފިކޭޝަންގައި ރާއްޖެ ކުޅުނު ހަތަރުވަނަ މެޗު ކަމަށްވާއިރު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަނެއް ތިން މެޗުން ރާއްޖެ ވަނީ ބަލިވެފައެވެ. އެގޮތުން ތިން ޕޮއިންޓާ އެކު ރާއްޖެ އޮތީ ފަސް ޓީމު ހިމެނޭ ގްރޫޕްގެ ހަތަރުވަނައިގައެވެ. އަނެއްކޮޅުން ފިލިޕީންސް އޮތީ ހަތް ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައެވެ. މިއީ އެޓީމުން ގްރޫޕް ސްޓޭޖުގައި ހޯދި ދެވަނަ މޮޅެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން ފިލިޕީންސް އަށް ޕެނަލްޓީއެއް ލިބިފައިވެއެވެ. ނަމަވެސް ފިލިޕީންސްގެ ޕެޓްރިކް ރީޝެލްޓް ފޮނުވާލި އެ ޕެނަލްޓީ ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފް ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ރާއްޖޭގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ. އެ ފުރުސަތުގެ ބޭނުން ރާއްޖެ އަށް ނުހިފުނުއިރު މެޗުގެ 56 ވަނަ މިނެޓްގައި އިއާން ރަމްސޭ ވަނީ ފިލިޕީންސް އަށް ލީޑު ނަގާދީފައެވެ.

މި ގޯލާއެކު ގައުމީ ޓީމުގެ އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ކުޅެން އެރުވި ނަމަވެސް މެޗުގެ 68 ވަނަ މިނެޓްގައި ފިލިޕީންސް އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯން ޕެޓްރިކް ސްޓްރޯސްއެވެ.

ފިލިޕީންސްގެ ދެވަނަ ގޯލާއެކު ރާއްޖެ އިން ކުޅުން ރަނގަޅުކޮށް ފިލިޕީންސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ދިޔައީ ފޮނުވާލަމުންނެވެ. އެގޮތުން ރާއްޖެ އަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތްވީ މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކަމަށްވާއިރު ދަގަނޑޭ ދިން ޕާހަކުން މި ގޯލު ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ އަންގާރަ ދުވަހު ވެސް ރާއްޖެ އިން މެޗެއް ކުޅޭނެއެވެ. މާލޭގައި ކުޅޭ އެ މެޗުގައި ރާއްޖެ ނިކުންނާނީ ގްރޫޕްގެ ފުލުގައި އޮތް ގުއާމްއާ ދެކޮޅަށެވެ.