Last Updated: April 16, 11:51
Tuesday, April 16, 2024
ކުޅިވަރު

މެސީގެ ގޯލުން އާޖެންޓީނާ އިން ބްރެޒިލް ބަލިކޮށްފި

އެކުވެރިކަމުގެ މެޗެއްގައި ރޭ ބްރެޒިލްގެ މައްޗަށް 1-0 އާޖެންޓީނާ އިން ކުރި ހޯދައިފިއެވެ.

ސައުދީ އަރަބިއްޔާގައި ކުޅުނު މި މެޗުގެ 10 ވަނަ މިނެޓްގައި ބްރެޒިލް އަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސެސް ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

ބްރެޒިލް އަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުނުތާ ތިން މިނެޓްފަހުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މެސީ މި ގޯލު ކާމިޔާބު ކުރީ އެޓީމަށް ލިބުނު ޕެނަލްޓީ ބްރެޒިލްގެ ކީޕަރު އެލިސަން މަތަކުރުމުން ބޭރަށް ނިކުތް ވަގުތު އަލުން ގޯލަށް ފޮނުވާލައިގެންނެވެ.

މިއީ މިދިޔަ ޖުލައި މަހަށްފަހު އާޖެންޓީނާގެ ގައުމީ ޓީމަށް މެސީ ކުޅެދިން ފުރަތަމަ މެޗެވެ.

ރޭގެ މެޗުން ބްރެޒިލް ބަލިވިއިރު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށްފަހު އެ ޓީމުން އެންމެފަހުން ކުޅުނު ފަސް މެޗުން ވެސް ވަނީ މޮޅެއް ހޯދޭގޮތް ނުވެފައެވެ.

އެކުވެރިކަމުގެ މެޗެއްގައި އަންނަ ހޯމަ ދުވަހު އާޖެންޓީނާ އިން އުރުގުއޭއާ ދެކޮޅަށް ނިކުންނާނެއެވެ. އަދި އަންނަ އަންގާރަ ދުވަހުގެރޭ ބްރެޒިލް ނިކުންނާނީ ދެކުނު ކޮރެޔާއާ ދެކޮޅަށެވެ.