Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިންސާފުން މަހުރޫމުކޮށްފި: ޔާމީން

މަނީ ލޯންޑަރިންގެ މައްސަލައިގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިންސާފުން މަހުރޫމުކޮށްފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ކްރިމިނަލް ކޯޓުން އެމަނިކުފާނަށް އިންސާފެއް މިހާތަނަށް ލިބިފައި ނުވާ ކަމަށާއި އެގޮތުން މިހާރު ހިނގަމުންދާ މައްސަލަ އާއި ގުޅުން ނެތް މައްސަލައެއްގައި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި ހިލާފަށް ހައްޔަރުކޮށް އެމަނިކުފާނު ޖަލަށް ލާފައިވާ ކަމަށެވެ.

"އެހެންވީމަ ފެށުނީއްސުރެ، މި މައްސަލައިގެ ބިސްމި ކީ ހިސާބުން އަޅުގަނޑުމެން މިވަނީ އިންސާފުން މަހުރޫމު ކޮށްފައި" ޔާމީން ވިދާޅުވިއެވެ.

އަދި އެއްވެސް ކަމެއް ސާބިތު ނުވަނީސް އެމަނިކުފާނުގެ ބޭންކުގައި ހުރި ހުރިހާ ފައިސާއެއް ދެ ފަހަރަށް ވުރެ ގިނައިން ކްރިމިނަލް ކޯޓުން ފްރީޒުކޮށްފައިވާ ކަމަށާއި މިއީ ވެސް ލިބުނު އަނިޔާއެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި އަޅުގަނޑަށް އިންސާފު ލިބޭނެ ގޮތަކަށް މި މައްސަލަ ގެންގޮސް ދެއްވުމަކީ އަޅުގަނޑު އެދޭ ކަމެއް. ދިވެހިރާއްޖޭގައި އަދުލުވެރިކަން އޮންނަންވާނެ. ދައުލަތުން އެދޭ ގޮތަށް ހުރިހާ ކަމެއް ކުރުމަކީ އަދުލުވެރިކޮށް ކަންތައް ކުރުމެއް ނޫން" ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން މިއަދުގެ އަޑުއެހުމުގައި ޔާމީން ވެސް އަދި އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވެސް ވަނީ އެ މައްސަލަ ބައްލަވާ ބެންޗުގައި އިންނެވި ގާޒީ އަލީ ރަޝީދު ހުސެއިން ބެންޗުން ވަކިކޮށްދޭން އެދިފައެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން އެ މައްސަލާގައި ނިންމީ ގާޒީ އަލީ ރަޝީދު އެ ބެންޗުން ތަނާޒުލްވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އަދި މި މައްސަލަ އަލުން ފަށައިގެން ކުރިއަށް ނުގެންގޮސް ހުކުމް އިއްވުމަށް ވެސް މިއަދުގެ އަޑުއެހުމުގައި ނިންމިއެވެ. މިއަދުގެ އަޑުއެހުން ނިންމާލީ މި މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން މި މަހުގެ 28 ގައި ބާއްވާނެކަން އިއުލާން ކުރަމުންނެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވާތީއެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެއްޖެ ނަމަ، އަދަބަކީ ފަސް އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.