Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ހުރިހާ ދިމާލަކުންވެސް ފެންނަނީ ތަރައްގީއަށް މިސްރާބު ޖަހާފައިވާ މަންޒަރު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވަނީ - ފޮޓޯ: މައުމޫންގެ ޓްވިޓާ

ގައުމުގެ ހުރިހާ ދިމާލަކުންވެސް ފެންނަމުންދަނީ ތަރައްގީއަށް މިސްރާބު ޖަހާފައިވާ މަންޒަރު ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓުން (އެމްއާރްއެމް) ބުނެފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި އެމްއާރްއެމް އިން މިހެން ބުނެފައިވަނީ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައެވެ.

އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވަނީ މި ސަރުކާރަކީ އެމްއާރްއެމް ވެސް ނިސްބަތްވާ ސަރުކާރަށްވުމަކީ ލިބޭ އުފަލަކާއި ޝަރަފެއް ކަަމަށެވެ.

އަދި މި ސަރުކާރަށް އެއް އަހަރު ވެގެންދާއިރު ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށާއި އެގޮތުން ރާއްޖޭގައި ސުލްހަމަސަލަސްކަމާއި އަމަން އަމާންކަން ގާއިމުކޮށް ތިންބާރު ވަކިވެފައިވާ ނިޒާމުގެ ތެރެއިން މަސައްކަތް ކުރުމާއި، ޖޮއިންޓު މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށްޓަކައި ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ މަސައްކަތް އެމްއާރްއެމް އިން ފާހަގަކޮށްފައިވެއެވެ.

"މިއަދު ގައުމުގެ ހުރިހާ ދިމާއަކުން ވެސް ފެންނަމުންދަނީ، ކުރިން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ގައުމު ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަނެ، ތަރައްގީ އަށް މިސްރާބު ޖަހާފައިވާ މަންޒަރެވެ. ތަރައްގީގެ އެކިއެކި މަޝްރޫއުތަކުގައި ރާއްޖޭގެ ރަށްތައް އިސްތިސްނާ ކުރުމެއް ނެތި ހިމަނުއްވާފައިވާކަން، ރާއްޖޭގެ ރައްޔިތުން ބަލައިގަންނަނީ އުފަލާއެކު" އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ބޭރު ދުނިޔެއާ ގުޅުން ހީނަރުވެފައިވަނިކޮށް އެ ގުޅުން އިތުރަށް ވަރުގަދަވަމުންދާ މަންޒަރާއި، ސަރަހައްދީ ގައުމުތަކާއެކު އެކުވެރިކަމުގެ ގުޅުމެއް ބާއްވަވަމުން ދިވެހިންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމަށް ގިނަ ގުނަ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއާރްއެމް އިން ބުނެފައިވެއެވެ.

އެމްއާރްއެމް އިން ވަނީ ކާމިޔާބުކަމާއެކު ސަރުކާރު ހިންގެވުމުގައި ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ ކޮންމެ މަސައްކަތަކަށް ވެސް އެ ޕާޓީގެ އެއްބާރުލުން ފުރިހަމަ އަށް ލިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.